ދުނިޔޭގެ ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، ފީފާއިން ސްރީލަންކާގެ ފުޓުބޯޅަ ފެޑެރޭޝަން (އެފްއެފްއެސްއެލް) ސަސްޕެންޑުކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑްކުރަން ފީފާއިން ނިންމީ، މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ސްރީލަންކާގެ ފުޓްބޯޅަ އިންތިހާބުގައިއާއި، ފުޓުބޯޅަ ފެޑެރޭޝަނާ ގުޅުންހުރި ކަންކަމުގައި ތިންވަނަ ފަރާތެއްގެ ނުފޫޒު އޮތްކަމަށް ބެލެވޭތީއެވެ.
އެގޮތުން މި އިންތިޚާބު ބާއްވާފައި ވަނީ، އިންތިޚާބާ ގުޅިގެން އެކުލަވާލި މަގުޗާޓާއި، ހުށަހެޅިފައިވާ ޝަކުވާތަކަށް ބެލުމެއްނެތިކަމަށްވެއެވެ.
އެފްއެފްއެސްއެލް ސަސްޕެންޑުކުރިކަން އަންގައި ފީފާއިން ފޮނުވި ލިޔުމުގައި ބުނެފައިވަނީ، ފީފާގެ ގަވައިދުގެ 15 ވަނަ މާއްދާގެ ދަށުން، ބިއުރޯ އޮފް ދަ ފީފާ ކައުންސިލްއިން މި މަހުގެ 21 ވަނަ ދުވަހު ނިންމާފައިވާ ނިންމުމާ އެއްގޮތަށް ސްރީލަންކާގެ ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އަދި ކައުންސިލުން ނިންމުން ނިންމި ތާރީޚުން ފެށިގެން، އިތުރުގޮތަކަށް އަންގަންދެން މި ސަސްޕެންޝަން ދެމިއޮންނާނެކަމަށް ބުނެފައިވެއެވެ. މިއާއެކު ފުޓުބޯޅައިގެ އެންމެހާ ހަރަކާތަކުން ސްރީލަންކާއަށް ފުރުސަތު ގެއްލޭނެ ކަމަށާއި، ފީފާގެ މެމްބަރެއްގެ ހައިސިއްޔަތުން އެ ގައުމަށް ލިބިދޭ އެންމެހާ ހައްގުތަކެއް ވެސް ހިފަހައްޓާފައިވާކަން ފީފާއިން މި ލިޔުމުގައި އަންގާފައިވެއެވެ.
އެގޮތުން ފީފާގެ ޑިވެލޮޕްމަންޓު ފްރޮގްރާމްތަކާއި ފީފާއިން ނުވަތަ އޭއެފްސީން ހިންގާ އެއްވެސް ތަމްރީނެއްގައި ނުވަތަ ކޯހެއްގައި، ލަންކާގެ ފެޑެރޭޝަނުގެ އެއްވެސް މެމްބަރަކަށް ވެސް އަދި އޮފިޝަލަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ނޯންނާނެކަން ފީފާއިން އަންގާފައިވެއެވެ. އަދި ފުޓުބޯޅައިގެ އެއްވެސް މުބާރާތެއްގައި، ސަސްޕެންޝަން ދެމިއޮތްހާ ދުވަހަކު ލަންކާއަށް ބައިވެރިނުވެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ފީފާއިން ލަންކާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅެއް އަޅާފައިވާއިރު، އެ ގައުމުގައި މިހާރު ވެސް ދާޚިލީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެ ގައުމު މިހާރު ވެސް ދަނީ، މާލީގޮތުން ބޮޑެތި ގޮޮންޖެހުންތަކަކާ ކުރިމަތިލަމުންނެވެ.
ސްރީލަންކާގެ އިގްތިސާދު އަޑިއަޅައި، ގައުމު ބަނގުރޫޓުވެފައިވާތީ ޚަރަދުތައް ކުޑަކުރުމަށް، އެ ގައުމުގެ ސިފައިންގެ ފައުޖު ދެބައިކުޅަ އެއްބަޔަށް މަދުކުރަން ވެސް އެގައުމުގެ ސަރުކާރުން މި މަހުގެ ތެރޭގައި ވަނީ ނިންމާފައެވެ.
މިވަގުތު ސަސްޕެންޝަނަކާ ކުރިމަތިވެފައިވާ ސްރީ ލަންކާއަކީ ފުޓުބޯޅައިގެ ދުނިޔޭގެ ރޭންކިންގައި 207 ވަނައިގައި އޮތް ގައުމެވެ. އެ ގައުމަކީ އޭއެފްސީ ސަރަހައްދުގެ ފުލުގައި ރޭންކު ކުރެވިފައިވާ ގައުމެވެ.