ޔޫރަޕު ފުޓުބޯޅަ ދޫކޮށް މިދިޔަ އަހަރު ފަހުކޮޅު ސައުދީގެ އަލް ނަސްރު ފުޓުބޯޅަ ކުލަބާ ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ޓީމުގެ ޖާޒީގައި ކުޅޭ ފުރަތަމަ މެޗަކަށް، މިރޭ އަލް އިއްތިފާގާ ދެކޮޅަށް ކުޅޭ މެޗު ވުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ޓީމުގެ އިސް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިރޭގެ މެޗުގައި ރޮނާލްޑޯ އަލް ނަސްރުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅޭނެއެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ރޮނާލްޑޯ އަލް ނަސްރާ ގުޅުނީ، މެންޗަސްޓާ ޔުނައިޓެޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލިތާ ގާތްގަނޑަކަށް މަސްދުވަސް ފަހުންނެވެ. ޔުނައިޓެޑުން ރޮނާލްޑޯއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ، މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ޓީމުގެ ކޯޗާއި އޭނާއާ ދެމެދު ޖެހެމުން އައި މައްސަލަތަކުގައި ހުޅު ފަޅައިގެން ގޮސް، ނޮވެމްބަރު މަހުގެ ތެރޭގައި ޕިއާސް މޯގަންގެ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި އޭނާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެގޮތުން އޭނާ ވަނީ، ކޯޗު އެރިކް ޓެންހާގަށް އިޚްތިރާމް ނުކުރާ ކަމަށާއި، ޔުނައިޓެޑުން އޭނާއާ މެދު ކަންކުރީ ގޯސްކޮށްކަމަށް އަދި އެ ޓީމުން އޭނާއަށް ބޭވަފާތެރިވީ ކަމަށް ބުނެފައެވެ.

މިއާއެކު ފަސް ފަހަރަށް ބެލަންޑޯ ހާސިލްކޮށްފައިވާ ރޮނާލްޑޯ ފްރީ އެޖެެންޓެއްގެ ގޮތުގައި އެތައް ދުވަހެއް ހުރުމަށްފަހު އަލް ނަސްރާ ގުޅުނީ، އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅިވަރު ޝަހްސިއްޔަތުގެ ގޮތުގައެވެ.

އަލް ނަސްރުން ރޮނާލްޑޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ރޮނާލްޑޯއަށް އަހަރަކު 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ. އޭނާ އެކުލަބާއެކު ދެ އަހަރާ ބައިގެ މުއްދަތަކަށް މަޑުކުރާނެއެވެ.

އަލް ނަސްރާއެކު ރޮނާލްޑޯ އެއްބަސްވުން ހެދިފަހުން ވެސް މި ވޭތުވި މުއްދަތުގެ ތެރޭގައި ކުޅުނު މެޗުތަކުގައި ރޮނާލްޑޯއަށް ކުޅެވޭގޮތެއް ނުވިއެވެ. އެއީ މިދިޔަ އަހަރު ޔުނައިޓެޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ، ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗަކަށްފަހު ރޮނާލްޑޯ، އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު އެއްލާލުމާ ގުޅިގެން، އިނގިރޭސި އެފްއޭއިން އޭނާއަށް ދެ މެޗުގެ ސަަސްޕެންޝަނެއް ދިނުމުންނެވެ.

ގަވައިދު ބުނާގޮތުން އޭނާ އެހެން ލީގެއްގެ ކުލަބަކަށް ކުޅުނު ނަމަވެސް، މި ސަަސްޕެންޝަން ފުރިހަމަކުރަން ޖެހޭނެއެވެ.

އެހެންނަމަވެސް، އަލް ނަސްރާއި އަލް ޚިލާލްގެ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސައުދީ އޯލް ސްޓާ ޓީމުން ޔޫރަޕުގެ ގަދަބާރު، ޕީއެސްޖީއާ ދެކޮޅަށްކުޅުނު އެކުވެރިކަމުގެ މެޗުގައި ރޮނާލްޑޯ ވަނީ ކުޅެފައެވެ. އެ މެޗުން 4-5 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވިއިރު، އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ރޮނާލްޑޯއެވެ. އެ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހާފައެވެ.

އަލް ނަސްރާއެކު ރޮނާލްޑޯ ފުރަތަމަ މެޗަށް ތައްޔާރުވަމުން އަންނައިރު، އެ ޓީމު އޮތީ ސައުދީ ޕްރޯ ލީގުގެ ޕޮއިންޓު ތާވަލުގެ ދެވަނައިގައި 13 މެޗުން 30 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ އެއްވަނައިގައި އޮތީ އިތުރަށް އެއްމެޗު ކުޅެ 31 ޕޮއިންޓު ހޯދާފައިވާ އަލް އިއްތިހާދު އެވެ.

ގިނަބަޔަކު އިންތިޒާރުކުރާނެ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގައެވެ.