ނިއުޒީލެންޑްގެ އައު ބޮޑުވަޒީރުގެ މަގާމަށް ކެބިނެޓް މިނިސްޓަރ ކްރިސް ހިޕްކިންސް އައްޔަން ކުރަން ވެރިކަންކުރާ ލޭބަރ ޕާޓީން ނިންމައިފިއެވެ.

ލޭބަރ ޕާޓީގެ އައު ލީޑަރުގެ މަގާމަށާއި، ބޮޑުވަޒީރުކަމަށް ކްރިސް ހިޕްކިންސް އައްޔަން ކުރަން އެ ޕާޓީން ނިންމީ، ޕާޓީގެ ލީޑަރުކަމުންނާއި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ޖަސިންދާ އަރްދަން ކުއްލިގޮތަކަށް ނިންމެވުމުންނެވެ.

ޖަސިންދާގެ ބަދަލުގައި ބޮޑުވަޒީރުކަމަށް، އުމުރުފުޅުން 44 އަހަރުގެ ކްރިސް ހިޕްކިންސް އައްޔަންކުރަން ކަނޑައެޅީ، ވެރިކަންކުރާ ލޭބަރ ޕާޓީއަށް ނިސްބަތްވާ 64 މެމްބަރުން ހިމެނޭ ކޯކަސް ގްރޫޕްގެ އިއްތިފާގުންނެވެ.

ބޮޑުވަޒީރުކަމަށް އައްޔަންކުރަން ކަނޑައެޅުމާ ގުޅިގެން ކްރިސް ހިޕްކިންސް ވިދާޅުވީ، ކުރިމަތިވާނެ ގޮންޖެހުންތަށް އޭނާ ތައްޔާރު ކަމަށެވެ.

ކްރިސް ހިޕްކިންސްވަނީ، ޖަސިންދާ އަރްދންއަށް ވަރަށްބޮޑަށް ތައުރީފް ކުރައްވާފައެވެ. ޖަސިންދާއަކީ ނިއުޒީލެންޑް މިހާތަނަށް ދުށް އެންމެ ވަރުގަދަ ބޮޑުވަޒީރުންގެ ތެރޭގައި ހިމެނިވަޑައި ގަންނަވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

ކްރިސް ހިޕްކިންސް ވިދާޅުވީ، ޖަސިންދާ އަރްދަންއަކީ ހުރިހާ ހިސާބެއްގެ އަންހެނުންނަށާއި، އަންހެން ކުދިންނަށްވެސް ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ.

ޖަސިންދާ އަރްދަންގެ ވެރިކަމުގައި މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް ކްރިސް ހިޕްކިންސް އައްޔަންކުރީ 2020 ވަނަ އަހަރުގެ ޖުލައިމަހުއެވެ. އަހަރު ނިމުމުގެކުރިން މިނިސްޓަރ އޮފް ކޮވިޑް ރެސްޕޮންސްގެ މަގާމަށް އޭނާ އައްޔަން ކުރެވުނެވެ.

ކޮވިޑާ ދެކޮޅަށް ނިއުޒީލެންޑުން ކުރި ކާމިޔާބު މަސައްކަތްތަކުގެ އިސް މޭސްތިރިއަކީ ކްރިސް ހިޕްކިންސްއެވެ.

ޖަސިންދާ އަރްދާން ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާ ސިޓީ ހުށަހަޅުއްވާނީ ނިއުޒީލެންޑްގައި ހުންނަވާ އިނގިރޭސި ރަސްގެފާނު ޗާރލްސްގެ ގަވަރްނަރ ޖެނެރަލް ސިންޑީ ކީރޯއަށެވެ. ސިންޑީ ކީރޯ، އައު ބޮޑުވަޒީރުކަމަށް ކްރިސް ހިޕްކިންސް އައްޔަންކޮށް އޭނާ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނީ އަންނަ ބުދަދުވަހުއެވެ.

ނިއުޒީލެންޑްގައި އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރުމަހުގެ 14 ވަނަ ދުވަހުއެވެ. އެހާތަނަށް ބޮޑުވަޒީރުކަން ކުރައްވަން ވެރިކަންކުރާ ޕާޓީން ކްރިސް ހިޕްކިންސްއާ ހަވާލު ކުރެއްވިއިރު، ޚިޔާލު ހޯދުންތަކުން ދައްކާގޮތުގައި ނިއުޒީލެންޑްގެ އާންމުންގެ މެދުގައި ކްރިސް ހިޕްކިންސްގެ މަގްބޫލްކަން ވަރަށް ބޮޑެވެ.

ކްރިސް ހިޕްކިންސްއާއެކު އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ލޭބަރ ޕާޓީއަށް ބޮޑުނަމަވެސް އިދިކޮޅު ޕާޓީގެ ވާދަވެރިކަންވެސް ވަރަށް ބޮޑު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.