އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ބީބީސީން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީއަށް ހުރަސްއަޅައި، އެ ޑޮކިއުމެންޓަރީ އިންޑިއާގައި ދުރަށް ދެއްކުން އިންޑިއާ ސަރުކާރުން މަނާކޮށްފިއެވެ.

އަދި އެ ޑޮކިއުމެންޓަރީގެ ކްލިޕެއްވިޔަސް، ސޯޝަލް މީޑިއާގައި ޝެއަރކުރުންވެސް އިންޑިއާ ސަރުކާރުންވަނީ މަނާކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ މުޝީރެއް ކަމަށްވާ ކަންޗަން ގުޕްތާ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ބީބީސީ ޑޮކިއުމެންޓަރީގެ ކްލިޕެއްވިޔަސް ސޯޝަލް މިޑިއާގައި ޝެއަރކުރުން މަނާކުރީ، އިންޑިއާގެ އިންފޮމެޝަން ޓެކްނޯލޮޖީ ގާނޫނުގެދަށުން ސަރުކާރަށް ލިބިދޭ އިމަޖެންސީ ބާރުގެ ދަށުން ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ ޑޮކިއުމެންޓަރީ، ބީބީސީން އަދި އިންޑިއާގައި ދައްކާފައި ނުވާއިރު، އެ ޑޮކިއުމެންޓަރީ، ޔޫޓިބިއު ބައެއް ޗެނަލްތަކަށްވަނީ އަޕްލޯޑް ކޮށްފައެވެ.

އިންޑިއާ ސަރުކާރުންވަނީ، މި ޑޮކިއުމެންޓަރީގެ ވީޑިއޯގެ ލިންކް ހިމެނޭ ފަންސާހަށްވުރެ ގިނަ ޓްވީޓްތައް ބްލޮކްކުރުމަށް ޓްވިޓަރއަށް އަމުރު ކޮށްފައެވެ. އަދި ޑޮކިއުމެންޓަރީގެ ވީޑިއޯ އިންޑިއާގައި އަޕްލޯޑް ކުރިޔަ ނުދިނުމަށް ޔޫޓިއުބަށްވެސް ވަނީ އަންގާފައެވެ.

އިންޑިއާ ސަރުކާރުގެ މުޝީރު ކަންޗަން ގުޕްތާ ވިދާޅުވީ، ސަރުކާރުގެ އެންގުމާ އެއްގޮތަށް ޓްވިޓަރއާއާއި، ޔޫޓިއުބުން އަމަލުކުރަމުންދާ ކަމަށެވެ.

މި ޑޮކިއުމެންޓަރީ އިންޑިއާގައި ދެއްކުން އިންޑިއާ ސަރުކާރުން މަނާކުރީ، 2002 ވަނަ އަހަރު ގުޖުރާތުގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގި ލޭއޮހޮރުވުންތަކާ ގުޅިގެން އޭރު ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވި ނަރެންދުރަ މޯދީގެ ލީޑަރޝިޕާމެދު، ޑޮކިއުމެންޓަރީގައި ސުވާލު އުފައްދާފައި ވާތީއެވެ.

މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި ހާހަކަށް ވުރެ ގިނަމީހުން މަރުވިއިރު، މަރުވި ގިނަމީހުންނަކީ މުސްލިމުންނެވެ.

ހިއުމަން ރައިޓްސް އެކްޓިވިސްޓުން ބުނަނީ، މި ކުރިމަތިލުންތަކުގައި ސަރުކާރުން ބުނާ އަދަދަށްވުރެ ދެގުނަ އިތުރަށް މީހުން މަރުވި ކަމަށެވެ.

ހިންދޫން ނުކުމެ މުސްލިމުން މަރަންފެށީ، ހިންދޫންގެ އަޅުކަމަކަށް މީހުން ގޮވައިގެންދިޔަ ރޭލެއްގައި އަލިފާން ރޯވެ 59 މީހުން މަރުވުމާ ގުޅިގެންނެވެ. ހިންދޫން ތުހުމަތުކުރީ ރޭލުގައި އަލިފާން ރޯކޮށްލީ މުސްލިމުން ކަމަށެވެ.

ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގި ކުރިމަތިލުން ހުއްޓުވުމުގައި މޯދީ ފެއިލްވީ ކަމަށް ކުރެވޭ ތުހުމަތުތައް އޭނާ ދޮގުކުރެއްވިއެވެ.

މި ހަމަނުޖެހުންތަކަކީ މޯދީއާއި އޭނާގެ ސަރުކާރު ހިންތަވަރުދީގެން ކުރުވި ކަމެއް ކަމަށް އެތައް ތުހުމަތުތަކެއް ކުރެވޭތީ، އިންޑިއާގެ ސުޕްރީމް ކޯޓުން ޚާއްސަ ތަހްގީގެއްވެސް ހިންގިއެވެ. އެ ތަހްގީގު ނިންމައި 2012 ވަނަ އަހަރު އާންމުކުރި 541 ސަފްހާގެ ރިޕޯޓްގައި ބުނެފައިވަނީ މޯދީގެ މައްޗަށް ޝަރީއަތް ހިންގޭވަރަށް ހެކި ލިބިފައި ނެތްކަމަށެވެ.

ގުޖުރާތުގައި ހިނގި ލޭއޮހޮރުވުންތަކުގެ ފަހުން ނަރެންދުރަ މޯދީ ބީޖޭޕީގެ ލީޑަރަކަށް އިސްކުރެވި، އޭނާގެ ލީޑަރޝިޕްގެ ދަށުން 2014 އަދި 2019 ވަނަ އަހަރު އިންޑިއާގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކޮށްފައި ވެއެވެ.

ގުޖުރާތު ލޭއޮހޮރުވުންތަކާ ގުޅިގެން 2014 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކޮށް ބޮޑުވަޒީރުކަމަށް ވަޑައިގަތުމާ ހަމައަށް ނަރެންދުރަ މޯދީ އެމެރިކާއަށް އެރުން އެމެރިކާ ސަރުކާރުން އޮތީ މަނާކޮށްފައެވެ.

އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމަނެއް މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ، ބީބީސީގެ ޑޮކިއުމެންޓަރީއަކީ ޕްރޮޕަގެންޑާއެއް ކަމަށާއި، އޭގެ ބޭނުމަކީ މޯދީގެ އަގުވައްޓާލުން ކަމަށެވެ.