ކޮވިޑްބަލި ޖައްސާ ވައިރަސްދެކެ މިހާރު ބިރު ނުގަންނަ ކަމަށާއި، މުސްތަގްބަލް ވަރަށް އުންމީދީކަމަށް، ކޮވިޑްބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީގެ އާންމުން ބުނެފިއެވެ.

ވުހާންގެ އާންމުން މި މޭރުމުން ޝުއޫރު ފާޅުކުރީ، ކޮވިޑާ ގުޅިގެން ވުހާން ސިޓީ އެއްކޮށް ލޮކްޑައުންކުރިތާ ތިން އަހަރުފަހުން، ޗައިނާގެ އައު އަހަރު ފާހަގަކުރަން އާންމުންނަށް ފުރަތަމަ ފަހަރަށް މި ހަފްތާގައި ލިބުނު ފުރުސަތަށް ފަހުގައެވެ.

ބަލީގެ ހާލަތާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށްފަހު 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވުހާން ސިޓީ މިހާރުވަނީ އާންމު ހާލަތަށް އައިސްފައެވެ. ޗައިނާގެ އެހެން ރަށްތަކެކޭ އެއްފަދައިން ވުހާން ސިޓީގެ މާރުކޭޓުތަކާއި، ބާޒާރުތައް ފެނިގެން ގޮސްފައިވަނީ އާންމުންނާއިގެން ތޮއްޖެހިފައި އޮތްތަނެވެ. ގިނަމީހުން އުޅެނީ މާސްކްވެސް ނާޅައެވެ.

ކޮވިޑްގެ ފިޔަވަޅުތައް އުވާލުމުން ވަރަށް އުފަލުން ތިބި ކަމަށާއި، ކުރިން ހުރި ކަންބޮޑުވުންތަކާއި، ޑިޕްރެޝަން މިހާރު މަޑުމަޑުން ނެތެމުންދާ ކަމަށް، މީޑިއާއާ ވާހަކަ ދެއްކި ވުހާންގެ އާންމުން ބުނެފައި ވެއެވެ.

ކޮވިޑްބަލި ޖައްސާ ވައިރަސް ފެތުރޭންފެށީ ވުހާން ސިޓީންކަން އެނގުމާއެކު ޗައިނާ ސަރުކާރުން ވުހާން ސިޓީގެ އާންމުންނަށް ގެއިން ބޭރަށް ނުނިކުމެވޭގޮތް ހަދައި އެ ސިޓީ ލޮކްޑައުންކޮށް "ތަޅުލީ" 2020 ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ. މިއީ، ކޮވިޑާ ގުޅިގެން ފުރަތަމަ ލޮކްޑައުންކުރި ރަށެވެ. އެކަމަކު އެއީ މިހާރު މާޒީއެވެ.

ކޮވިޑް ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތައް އުވާލުމާއެކު ޗައިނާގައި ހަލުވިކަމާއެކު މިހާރުވަނީ ކޮވިޑް ފެތުރެން ފަށާފައެވެ.

ޗައިނާ ސަރުކާރުން ބުނެފައިވަނީ އާބާދީގެ 80 އިންސައްތަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވޭތުވެދިޔަ ހަފްތާ ތެރޭގައި އެކަނިވެސް ކޮވިޑާ ގުޅުންހުރި 13،000 މީހުން މަރުވެފައިވާ ކަމަށް ޗައިނާއިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައި ވެއެވެ.

ހަރުކަށި ލޮކްޑައުންތަކާއި، ކަރަންޓީނުކުރުމާއި، ޓެސްޓްކުރުންތަކަށް ތިންއަހަރު ފުރިގެންދިޔައިރު، ދުނިޔޭގެ ހުރިހާ ދިމާއެއްގައިވެސް ކޮވިޑް އަދިވެސް ދަނީ ފެތުރެމުންނެވެ. އެކަމަކު ދުނިޔޭގެ ގައުމުތައް މިހާރު އުޅެމުންދަނީ ކޮވިޑާއެކުގައެވެ.

ދުނިޔެ މިހާތަނަށް ދުށް އެންމެ ގެއްލުންބޮޑު އާލަމީ ވަބާގައި އެތައް މިލިއަން މީހުން މަރުވެ، ދުނިޔޭގެ އިގްތިސާދު ފުންވަޅުގަނޑަކަށް ވެއްޓިގެންދިޔައެވެ. އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލި، އެތައް މިލިއަން ބަޔަކު ފަގީރުންގެ ގޮތުގައި ހިމެނިގެންދިޔައެވެ.

އާބާދީގެ ގިނަ ބަޔަކަށް ކޮވިޑުން ދިފާއުވާ ވެކްސިން ޖަހައި އަދި ކޮވިޑާއެކު އުޅެން ދަސްކޮށް ދުނިޔޭގެ ގައުމުތަކުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އިގްތިސާދުތައް އަލުން ކޮޅަށް ޖަހައި، ކޮވިޑްގެ ކުރިންއޮތް ހާލަތަށް ރުޖޫއަ ވެވޭތޯއެވެ.