އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން، ރާއްޖޭގެ ޖަލުތަކުގައި އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިނގާފައިވާކަމަށާއި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތައް ކޮށްފައިވާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޢާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އަޑުއެހުންތަކާ ގުޅިގެން ބާއްވާ ޕްރީ-ވިޒިޓް ދަތުރު ނިންމާލައިފިއެވެ.

އެގޮތުން މިމަހުގެ 19 ވަނަ ދުވަހު އޯ.ޓީ.ޖޭގެ ޓީމެއް ވަނީ މާލެ އަތޮޅު މާފުށްޓަށް ޒިޔާރަތްކޮށް، މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް ނަން ނޯޓުކުރި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކޮށްފައިވާ ފަރާތްތަކާ ބައްދަލުކޮށްފައެވެ.

މި ބައްދަލުވުންތަކުގެ ބޭނުމަކީ ޢާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދާ އަޑުއެހުންތަކާ ގުޅޭގޮތުން ބަންދުގައި ތބި ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، އެ ފަރާތްތަކުގެ ޙާލަތު ބެލުމާއި، މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް އިޢުތިރާޟެއް ނެތްކަމުގެ އިޤުރާރާ ގުޅޭ މަޢުލޫމާތާއި، އިޤުރާރުގައި ސޮއިކުރުވުމުގެ އިތުރުން އަޑުއެހުންތަކުގައި ބަޔާންދޭ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ކިޔައިދިނުންކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނެއެވެ. އެދަތުރުގައި ޖުމުލަ 26 ފަރާތަކާއެކު ބައްދަލުވުންތައް ބާއްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާކަމަށް ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ ކްލޯޒްޑް ހިއަރިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ބައަކަށް ބަހާލައިގެންނެވެ.

އެގޮތުން މި އަޑުއެހުމުގެ ފުރަތަމަ ބައި މާފުށީ ޖަލުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ދެވަނަ އަޑުއެހުން ކުރިއަށްދާނީ މާލޭ ސިޓީގެ އިތުރުން އައްސޭރި ޖަލުގައެވެ. މާފުށީ ޖަލުގައި ކުރިއަށްގެންދާ އަޑުއެހުމުގައި ބަޔާންދިނުމަށް 37 ފަރާތަކުން ނަން ނޯޓުކޮށްފައިވާއިރު، މާލޭގައި ބާއްވާ އަޑުއެހުމުގައި ބަޔާންދިނުމަށް 11 ފަރާތަކުން އަދި އައްސޭރި ޖަލުގައި ބަޔާންދިނުމަށް ދެ ފަރާތަކުން ވަނީ ނަން ނޯޓުކޮށްފައެވެ.