މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް މުބާރާތުގައި، ޕޯޗުގަލްގެ ގައުމީ ފުޓުބޯޅަ ޓީމަށް އިރުޝާދުދިން ފެނާންޑޯ ސަންޓޯސް، ޕޮލެންޑުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް އައްޔަންކޮށް، އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވެއްޖެއެވެ.

ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު، ދެވަނަ ބުރުން ފެށިގެން ސަންޓޯސް، ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޓީމުގެ ފުރަތަމަ 11 އިން ފުރުސަތުދީފައެއް ނުވެއެވެ. މިއާއެކު ގިނަބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއިރު، މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައިން އެ މަގާމުން އޭނާ ވަނީ ވަކިކޮށްފައެވެ.

ޕޯޗުގަލްގެ ކޯޗުގެ މަގާމުން އޭނާ ވަކިކުރީ، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ފާޑުކިޔުންތަކާއެކު ކޯޗުކަމުގެ މަގާމުން ސަންޓޯސް ވަކިކުރިއިރު، ރިޕޯޓުތައް ބުނާގޮތުން އޭނާ މިހާރު ވަނީ އަނގަބަހުން ޕޮލެންޑުގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެކަމުގެ ރަސްމީ އެއްބަސްވުމެއް އެކުލަވާލައި، އެ އެއްބަސްވުމުގައި އޭނާ ސޮއިކުރާނެއެވެ. އަދި އަންގާރަ ދުވަހުގެ ވަގުތެއްގައި ޕޮލެންޑުން އެކަން ރަސްމީކޮށް އިއުލާނުކުރާނެއެވެ.

ޕޮލެންޑުގެ ކޯޗުކަމާ ސަންޓޯސް ހަވާލު މިވަނީ، ވޯލްޑް ކަޕަށްފަހު އެ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ޗެޒްލޯވް މިޚްނިއޭވިޗް، އެ މަގާމުން ވަކިވުމުންނެވެ. އޭނާ އެ މަގާމުން ވަކިވީ، މިދިޔަ އަހަރުގެ ނިޔަލަށް މުއްދަތު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެ އެއްބަސްވުން އައުނުކުރަން ނިންމުމުންނެވެ.

ޕޯޗުގަލްއަށް ނިސްބަތްވާ އުމުރުން 68 އަހަރުގެ ސަންޓޯސްއަކީ، ޕޯޗުގަލްގެ އެސްޓޮރިލްއިން ކޯޗިންގް ކެރިއަރު ފެށި ކޯޗެކެވެ. 1987 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާ ހަމައަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި އޭނާ ހުރިއިރު، 1988 ވަނަ އަހަރު އޭނާއަށް ޓީމުގެ ހެޑް ކޯޗުގެ މަގާމު ހަމަޖެހުނެވެ. އޭނާ ވަނީ ޕޯޗުގަލްގެ ބޮޑެތި ކުލަބުތަކަށް ކޯޗުކަން ކޮށްދީފައެވެ. އަދި ގްރީސްގެ ކުލަބުތަކަށް ވެސް އޭނާ އިރުޝާދުދީފައިވެއެވެ.

ގައުމީ ޓީމެއްގެ ކޯޗުކަމާ ސަންޓޯސް އެންމެފުރަތަމަ ހަވާލުވީ 2010 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު އޭނާ ވަނީ ގްރީސްގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދީފައެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް އިރުޝާދުދޭން އޭނާ ފެށީ 2014 ވަނަ އަހަރުއެވެ. މަގާމުން ވަކިކުރުމާ ހަމައަށް ޕޯޗުގަލްއަށް ގިނަ ކުރިއަރުންތަކެއް ހޯދައިދިން ސަންޓޯސް ވަނީ އެ ޓީމާއެކު ޔޫރޯ 2016 މުބާރާތާއި އެފަހުން ޔޫއެފާ ނޭޝަންސް ލީގު އެ ޓީމާއެކު ކާމިޔާބު ކޮށްފައެވެ.