ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާހަގަކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އައު ޔުނިޓެއް ހަދަން އޭސީސީން މަސައްކަތް ނުކުރާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީން މިހެން ބުނީ ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން އެ ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރުމަށްފަހު ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާހަގަކުރާ ކޮރަޕްޝަންގެ މައްސަލަތައް ނުވަތަ ތުހުމަތުތައް ބަލަން ޔުނިޓެއް ހަދަނީ ކަމަށް ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރުތަކާ ގުޅިގެންނެވެ.
އިދިކޮޅު ޕީޕީއެމްގެ ފަރާތުން އޭސީސީގެ މެންބަރުންނާއި ބައްދަލުކުރެއްވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާތީ އެކަންތައްތައް ބަލައިދިނުމަށް އެދިއެވެ.
މި ބައްދަލުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަންގެ ކޮމިއުނިކޭޝަންގެ ކަންކަން މެނޭޖްކުރާ މުވައްޒަފުން ކުރިއްސުރެ މެއިންސްޓްރީމް މީޑިއާތަކާއި، ސޯޝަލް މީޑިއާގައި ހުންނަ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކާއި، ކުރެވޭ ތުހުމަތުތައް ދަނީ ބަލައި މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުގެ މަސްޢޫލިއްޔަތު އަދާކުރަމުން ކަމަށެވެ.
އަދި ކޮމިޝަނުގެ މުވައްޒަފުންވެސް ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ގެންނައިރު، އިންތިޚާބުތަކާއި ދިމާކޮށް ފުޅާދާއިރާއެއްގައި މިދެންނެވި މަސައްކަތްތައް ކުރާކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.
އެކި މަންސަތަކުގައި އެކިފަރާތްތަކާމެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށްވެސް މައްސަލަތައް ބަލަމުންގެންދާ ކަމަށް އޭސީސީން ބުނެއެވެ. މިކަންތައްތައް މިހާރުވެސް އަދި ކުރިއަށްއޮތްތަނުގައިވެސް އެގޮތުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭސީސީން ވަނީ ދީފައެވެ.
ނަމަވެސް އެފަދަ ކަންކަން ބެލުމަށް އައު ޔުނިޓެއް ހަދަން އޭސީސީން މަސައްކަތްނުކުރާ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.