ތިމާ ފާޅުކުރާ ހިޔާލެއް ނޫނީ އުފުލާ އަޑެއްގެ ނަތިޖާއަކަށް، ޖެހިގެން ހުންނަ މީހާގެ "ކަންފަތު ތޫރި ފޫއަޅުވާލުން" ވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިހް ވިދާޅުވެއްޖެއެވެ.
ރަާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިން ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީއަށް ކެންޕެއިން ކުރުމަށް މިއަދު އއ. މާޅޮހަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ހިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމަކީ އެމަނިކުފާނު ވެރިކަމަށް އައިއިރުގައި ބޮޑު ބިރެއްގެ ގޮތުގައި އޮތް ކަމެއް ކަމަށެވެ. އެހެންނަމަވެސް 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް އައުމަށް ފަހުގައި އެއްވެސް ކަހަލަ ހުރަހެއްނެތި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމައަށް ދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިނިވަންކަމުގެ ބޭނުން ހިފާއިރު ވިސްނަން ޖެހޭނެ ކަމަށެވެ. އެގޮތުން އެމީހަކު ފާޅުކުރާ ހިޔާލެއް ނުވަތަ އަޑެއްގެ ސަބަބުން، އެއްވެސް ބަޔަކަށް އުނދަގުލެއް ވެގެން ނުވާނެ ކަމަށާއި، އެއްވެސް ފަރާތަކަށް ދަތިވާގޮތަށް އަމަލުތަކެއް ހިންގާނަމަ އެކަމާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޕްރައިމަރީގެ ކެންޕެއިން ކުރަން ދެން ބާކީ އޮތީ ހަތަރު ދުވަސްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިހާ ހިސާބަށް އަދެވުންއިރުގައި ހޮނިހިރު ދުވަހު އޮންނަ ޕްރައިމަރީ އަކީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއެއް ނަމަވެސް، ޕްރައިމަރީގެ ތެރޭގައި އެހެން ކުލަތައްޖެހޭ މަންޒަރު ފެނަމުން ދާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އިދިކޮޅުން އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް އަމަލުތަކެއް ހިންގުމުގެ މަގުސަދަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެބޭފުޅުންނަށް ވާދަކުރެވެން އޮތް ހަމައެކަނި ގޮތަކީ އެމްޑީޕީގެ ޕަރައިމަރީގެ ތެރެއަށް ވަދެ "ގަޑުބަޑުކޮށްގެން" ކަމަށް ފެންނަ ފެނުން ކަމަށެވެ.
މީގެއިތުރުން، އެމްޑީޕީ ޕަރައިމެރީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެ ދާއިރާގެ ތަރައްގީގެ މަޝްރޫއުތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން، މަތިވެރި، ބޮޑުފުޅަދޫ، މާޅޮސް، ހިމެންދޫ، ފެލިދޫ ހިމެނޭ ގޮތަށް ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ފައިސާގެ އަދަދުން ބަލާނަމަ މި ފަސް ރަށަށް 2019 އިން 2022 ގެ ނިޔަލަށް ކޮވިޑްގެ ދެ އަހަރާއެކު 202 މިލިއަން ރުފިޔާ މިހާތަނަށް ހަރަދު ކުރެވިއްޖެކަން ރައީސް ފާހަގަކުރެއްވިއެވެ.