އަންނަ ފެބްރުއަރީމަހުގެ 22 ވަނަ ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބަލައިނުގަންނާނެކަމަށް ޤައުމީ އެއާލައިން، މޯލްޑިވިއަންއިން ބުނެފިއެވެ.
މުއްދަތު ހަމަވެފައިވާނަމަ ފެބްރުއަރީ 22 އިން ފެށިގެން ބަލައިނުގަންނާނެ ރަސްމީ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ ޕާސްޕޯޓާއި، ވޯކް ވިސާ ކާޑާއި، ލައިސަންސް ކާޑާއި، އެއާޕޯޓް ސެކިއުރިޓީ ފާހާއި، ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުންތަކުގެ އިތުރުން އައިޑީކާޑެވެ.
މިދިޔަ އަހަރުގެ ޑިސެންބަރުމަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)އިން ނެރުނު ސާކިއުލާއެއްގައި ވަނީ، ކޮވިޑްގެ ހާލަތާ ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުންކުރެވޭ ލިޔެކިއުން ހޯދުމުގައި ދަތިކަން މެދުވެރިވާކަން ފާހަގަކުރެވުމާ ގުޅިގެން، މައްސަލަ ހައްލު ކުރުމަށްޓަކައި އެތެރޭގެ ވައިގެ ދަތުރުފަތުތަކުގައި ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އޭގައި ހިމެނޭ މައުލޫމާތު ސާފުކޮށް އެނގޭނަމަ ދިވެހިރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަރާތްތަކުން އެއާލައިން ޓިކެޓް ގަތުމަށާއި އެއާލައިނަށް ޗެކް-އިން ކުރުމަށާއި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށްޓަކައި އެލިޔުންތައް ބޭނުންކުރެވޭނެ ގޮތަށް ހެދި ކަމަށެވެ.
އެހެންނަމަވެސް މިއަހަރުގެ ފެބުރުއަރީމަހުގެ 22 ވަނަ ދުވަހުންފެށިގެން މި ލިޔުންތަށް ބޭނުންކުރެވިދާނެކަމަށް އެންގިފައިވާ ސާކިއުލަރ ބާތިލްކޮށް އެތެރޭގެ އުދުހުންތަކުގައި ކާކުކަން ދެނެގަތުމަށްޓަކައި ކަމާބެހޭ ޢިދާރާތަކުން ބަލައިގަންނަންޖެހޭނީ މުއްދަތު ހަމަނުވާ ލިޔެކިޔުންތަށް ކަމުގައިވެސް އެމްއެންޑީއެފް އިން އޭރުވަނީ އިލްތިމާސްކޮށްފައެވެ.
މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަންފެށީ ކޮވިޑް-19ގެ ޢާލަމީ ބަލިމަޑުކަމާއި ގުޅިގެން ދިމާވި ދަތިތަކާއިއެކު އާއްމުންނަށް އެތެރޭގެ ދަތުރުފަތުރުގައި ލުއިފަސޭހަކަމެއް ހޯދައިދިނުމުގެ މަޤުޞަދުގައެވެ.
ކޮވިޑް-19ގެ ޢާލަމީ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން ދިން ގިނަ ލުއިތައް މިހާރު ވަނީ އުވާލައިފައެވެ.