ކްރިމިނަލް ކޯޓުގެ ޤާޒީކަމުގެ މަޤާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ކްރިމިނަލް ކޯޓުގެ ޤާޒީކަމުގެ ދެ މަގާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުމުން ސުންގަޑި ހަމަވިއިރު 10 ބޭފުޅަކު ކުރިމަތިލައްވައިފައިވާ ކަމަށެވެ.

އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ، ކ.ތުލުސްދޫ ނޫރުވާދީ, މުޙައްމަދު އިޙްސާން، ރ.އިނގުރައިދޫ ހިތްވަރު, މުޙައްމަދު ސަމީރު، ސ. ފޭދޫ ކަޝްމީރުގެ އަޙްމަދު ރިފްޝާން، ސ.މަރަދޫ އެށެވެލި އިބްރާހީމް އިޙްސާން، ބ. ހިތާދޫ ރަނައުރާގެ އުއްމުކުލްޘޫމް އަބޫބަކުރު، ސ. ހިތަދޫ ސްނޯޑްރޮޕް ރަފީއުއްދީން އަހްމަދު، ގއ.ގެމަނަފުށި އެތުމާގެ އަޙްމަދު އާދަމް، ހއ.މާރަންދޫ އާރު, ޙުސައިން ސާލިމް، މާލެ ދަފްތަރު ރސ 13194 ސިޔާމާ މުޙައްމަދުގެ އިތުރުން، ގއ.ނިލަންދޫ ބިއްލޫރިޖެހިގެ އިބްރާހީމް ޛިހުނީއެވެ.

ކްރިމިނަލް ކޯޓުގެ ޤާޒީކަމަށް ކުރިމަތިލައްވާ ފަރާތްތަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިިގްރީ ހާސިލްކޮށްފައިވާ މީހަކަށް ވުމާއި، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ދެއަހަރު ދުވަހު ތަޖުރިބާ ހުރުމަކީވެސް މި މަޤާމަށް ކުރިތިމަތިލާ މީހެއްގެ ޝަރުތެކެވެ.

ކްރިމިނަލް ކޯޓުގެ ޤާޒީންނަށް އަސާސީ މުސާރައާއި އެހެނިހެން އިނާޔަތްތަކާއެކު މަހެއްގެ މައްޗަށް 48،300 ރުފިޔާ ލިބެއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސްވެސް ލިބެއެވެ.

ކްރިމިނަލް ކޯޓުގައި މިވަގުތު ގާޒީންގެ ގޮތުގައި މަސައްކަތް ކުރައްވަނީ ޖުމްލަ ނުވަ ބޭފުޅުންނެވެ.