ކޮވިޑްގެ ބަލިމަޑު ހާލަތަށްފަހު ޗައިނާގެ ފަތުރުވެރިން ޗުއްޓީ ދަތުރުތަކުގައި ދިއުމަށް ޗައިނާ ސަރުކާރުން އެކުލަވާލާފައިވާ ޕައިލެޓް ޕްރޮގްރާމްގެ ލިސްޓުގައި މި ސަރަހައްދުން ދިވެހިރައްޖެއާއި ސްރީލަންކާ ހިމަނައިފިއެވެ.
މިކަން އިއުލާންކުރީ، ޗައިނާ ސަރުކާރުގެ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓުއަރިޒަމުންނެވެ.
ޗައިނާގެ ފަތުރުވެރިން ދަތުރުކުރުމަށް އެކަށައެޅި ޕައިލެޓް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށްއޮތް ފެބްރުއަރީމަހުގެ 6 ވަނަ ދުވަހުއެވެ.
ސްރީލަންކާގައި ހުންނަ ޗައިނާ އެމްބަސީން ބުނެފައިވަނީ، ޕައިލެޓް ޕްރޮގްރާމްގައި ހިމަނާފައިވާ މަދު ގައުމުތަކުގެ ލިސްޓުން ރަމްޒުކޮށްދެނީ، އެ ގައުމުތަކާއި ޗައިނާއާ ދެމެދު އޮތް ގާތް އެކުވެރި ބަދަހި ގުޅުން ކަމަށެވެ.
ދިވެހިރާއްޖެއާއި، ސްރީލަންކާގެ އިތުރުން، ޗައިނާގެ ފަތުރުވެރިން ދިއުމަށް އެކަށައެޅި ޕައިލެޓް ޕްރޮގްރާމްގައި ދެން ހިމެނޭ ގައުމުތަކަކީ، ތައިލެންޑް، އިންޑޮނޭޝިޔާ، ކެމްބޯޑިއާ، ފިލިޕީންސް، މެލޭޝިޔާ، ސިންގަޕޫރު، ލާއޯސް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، މިސްރު، ކެންޔާ، ދެކުނު އެފްރިކާ، ރަޝިޔާ، ސްވިޓްޒަރލޭންޑް، ހަންގޭރީ، ނިއުޒީލެންޑް، ފީޖީ، ކިއުބާގެ އިތުރުން، އާޖެންޓީނާއެވެ.
ޗައިނާގެ ފަތުރުވެރިން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ޒިޔާރަތް ކުރެއެވެ. އެފަދަ ގިނަ ގައުމުތަކަށް ފަތުރުވެރިކަމުން ލިބޭ މަންފާގެ ބޮޑުބައެއް ބަރޯސާވެފައި އޮންނަނީވެސް ޗައިނާގެ ފަތުރުވެރިންގެ މައްޗަށެވެ.
ކޮވިޑްގެ ވަބާގެކުރިން 2019 ވަނަ އަހަރު އެކަނިވެސް ޗައިނާގެ 169 މިލިއަން މީހުން ފަތުރުވެރިންގެގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްފައި ވެއެވެ.
ކޮވިޑްބަލި ފެތުރުމާ ދެކޮޅަށް އެންމެ ފުރަތަމަ އަދި އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ.
ނަތީޖާއެއްގެގޮތުން، ޗައިނާގެ ރައްޔިތުން ގައުމުން ބޭރަށް ނުދެވި ރަށުބަންދުގައި ތިބޭތާ 3 އަހަރުފަހުން، ޗައިނާ ސަރުކާރުން މި ޖެނުއަރީމަހުގެ 8 ވަނަ ދުވަހު ވަނީ ބޯޑަރު ހުޅުވާލާފައެވެ.
އެހެން ނަމަވެސް، ޗައިނާ ސަރުކާރުން މިވަނީ، ޗައިނާގެ ރައްޔިތުން ފަތުރުވެރިންގެގޮތުގައި ދަތުރުކުރުމަށް އިސްކަންދޭ ގައުމުތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. މިލިސްޓުގެދަށުން ފެބްރުއަރީ 6 ގައި ދަތުރުތައް ފަށާއިރު، ޗައިނާގައި ކޮވިޑްބަލީގެ ހާލަތު ވަރަށް ގޯސްވެފައި ވެއެވެ.
އެހެން ނަމަވެސް، ޗައިނާގެ އެތައްހާސް ރައްޔިތުން ތިބީ، ދަތުރަށް ތައްޔާރުވެގެންނެވެ.
ދިވެހިރާއްޖެއަކީ ޗައިނާ ރައްޔިތުންގެ މެދުގައި ވަރަށް މަގްބޫލް މަންޒިލެކެވެ. ކޮވިޑްގެކުރިން 2019 ވަނަ އަހަރު އެކަނިވެސް ޗައިނާގެ ދެލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.