މި ދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި މާލެ އަތޮޅު ވާވެއްދިފަރަށް އުރުނު ޓަގު ބޯޓެއް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޓަގު ބޯޓުގެ ވެރިފަރާތްކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލް.އެލް.ސީ ޖޫރިމަނާކޮށްފައިވަނީ އޭ.އެމް އާގަމް ނަމަކަށް ކިޔާ ބާޖާއި އަދި އޭ.އެމް އަލްޕިޓް ނަމަކަށް ކިޔާ ޓަގު މިދިޔަ އަހަރުގެ ޖުލައިމަހުގެ 23 ވަނަ ދުވަހު މާލެއަތޮޅު ވާވެއްދިފަރަށް އެރުމުގެ ސަބަބުން ތިމާވެށްޓަށް ލިބުނު ގެއްލުންތަކާއި ގުޅިގެންނެވެ.

އީޕީއޭއިން ބުނީ މި އުޅަނދުތައް ފަރަށް އެރުމާއި ގުޅިގެން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާނޫނުގެ ދަށުން ޢަމަލުކުރެވިގެންދާނެ ކަމަށެވެ.

މި އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭއިން ވަނީ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ސާރވޭކޮށްފައި ކަމަށް އީޕީއޭއިން ނެރުނު ނޫސްބަޔާނުގައި ވަނީ ހާމަކޮށްފައެވެ. އަދި އެ އުޅަނދުތަކުގެ ވެރިފަރާތުން ކުރި ސަރވޭގައިވެސް އީޕީއޭއިން ވަނީ އޮބްޒަރވަރެއްގެ ގޮތުގައި ބައިވެރިވެފައިއެވެ. އީޕީއޭއިން ބުނީ މި ބެލި ބެލުމުގައި ފަރުގެ 3926 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބޯޓު ފަރަށް އެރުމުގެ ސަބަބުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 148 މިލިއަން ރުފިޔާ ނަމަވެސް، ޤާނޫނުން ޖޫރިމަނާގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަދަކީ 100 މިލިޔަން ރުފިޔާ ކަމުން އެ ޢަދަދަށް ކުންފުނި ޖޫރިމަނާކޮށް އެއްމަސްދުވަހުގެ ތެރޭގައި މި ފައިސާ އީޕީއޭއަށް ދައްކައި ޚަލާސްކުރުމަށް އަންގާފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާއި އެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް މި މައްސަލާއިގެ އިސްތިއުނާފް މަރުޙަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އީޕީއޭއިން މަޢުލޫމާތުދެއެވެ.

މީގެ ދޮޅުއަހަރު ކުރިން މާލެ އަތޮޅު ރަސްފަރި ފަރަށް އުރުނު ބޯއްޓަކުން ލިބުނު ގެއްލުމުގެ ބަދަލު ގޮތުން ޖޫރިމަނާއަށް 100 މިލިއަން ރުފިޔާ އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 154 މިލިއަން ރުފިޔާ އެ ބޯޓުގެ ވެރިފަރާތުންވެސް ވަނީ އީޕީއޭއަށް ދައްކާފައެވެ.