މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް 5.6 ބިލިއަން ރުފިޔާ މުދާއެތެރެކުރެވިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން ފާއިތުވި ޑިސެމްބަރު މަހު ރާއްޖެއަށް އެތެރެ ކުރެވުނު މުދަލުގެ އަގު 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 27 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދިވެހިރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މި ޢަދަދުވަނީ 5.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޑިސެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 2 އިންސައްތަ ވަނީ ދަށްވެފައެވެ. 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހު 364 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، ހުސްވި ޑިސެމްބަރ މަހު މި ޢަދަދުވަނީ 356 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، ފަރަންސޭސިވިލާތް، އޮމާން، އިންޑިއާ، ސިންގަޕޫރު އަދި ޗައިނާއެވެ.
އެގޮތުން ފަރަންސޭސިވިލާތުން 766 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އޮމާނުން 754 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އިންޑިއާއިން 724 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ސިންގަޕޫރުން 694 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 532 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
ކަސްޓަމްސްގެ ހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑު، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އެމެރިކާ، އަދި ފަރަންސޭސިވިލާތަށެވެ.
2021 ވަނަ އަހަރުގެ ޑިސެންބަރުމަހު ރާއްޖެއިން ޖުމްލަ 221 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރުމަހު 299 މިލިއަން ރުފިޔާގެ މުދާވަނީ ބޭރުކޮށްފައެވެ. މިއީ 35 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ މަހު މުދާ ހިފައިގެން 123 އުޅަދެއް ރާއްޖެއަށް އައިސްފައިވާއިރު 115 އުޅަދެއް ރާއްޖެއިން ފުރާފައިވާ ކަމަށް ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.