އައްޑޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބީލަން ކާމިޔާބު ކުރި ފަރާތަށް އެކަން އަންގާ "ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް" ޙަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނެފިއެވެ.

މިކަމާގުޅިގެން މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދެކުނަށް އިޤްތިޞާދީ ކުރިއެރުމާއި ތަނަވަސްކަން ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ޑިއުޓީ ފްރީ ފިހާރަތަކާއި ލައުންޖްތަކާއި ރެސްޓޯރެންޓްތަކާއި އޭޓީސީ އާއި ކާގޯ ފެސިލިޓީތަކުގެ އިތުރުން މަގުތައް އަދި ޕާކިން އޭރިއާތައް ތަރައްގީ ކުރުމަށް ވަނީ ހަމަޖެިފައެވެ. އަދި އަހަރަކު 1.5 މިލިއަން ފަސިންޖަރުނަށް ހިދުމަތް ދެވޭނެ ގޮތަށް ޕެސެންޖަރު ޓާމިނަލް ބޮޑުކުރުން މިމަޝްރޫއުގެ ދަށުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނުގެ އިޤްތިޞާދާއި ޢާއްމު އިޖުތިމާޢީ އެތައް ކަމަކާއި ގުޅިފައިވާ މުހިއްމު އެއަރޕޯޓެކެވެ. އައްޑޫގެ ތަރައްޤީއަށް އަދި އައްޑޫގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ފެންވަރު ރަނގަޅު ވައިގެ ބަނދަރެއް ނެތުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. ދެކުނުގެ ތަރައްޤީގެ މައި ދޮރާށި އަޕްގްރޭޑްކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުއަށް ބީލަން ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތި ލީ ކުންފުނިތަކުގެ ތެރެއިން ބީލަން ކާމިޔާބު ކުރި ފަރާތަށް މިހާރު އެކަން އަންގާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އައްޑޫ ސިޓީއަކީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫޢަކީ މުހިއްމު މަޝްރޫޢެކެވެ.