އިއްޔެގެ ހަވީރުގެ ވަގުތެއްގައި އަމީނީ މަގުން ޣިޔާސުއްދީން ސްކޫލް ކައިރިން ވަޅިއަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ވީނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ 26 އަހަރުގެ ޒުވާނާއަށް ދިން ހަމަލާގައި މީހަކު ހައްޔަރު ނުކުރިނަމަވެސް މި މައްސަލަ ފުލުހުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުން ކަމަށެވެ.
ފުލުހުން އިއްޔެ އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު މާރަމާރީ ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ އިއްޔެ ހަވީރު 4:10 ގައިއެވެ. އަދި އެ ޙާދިސާގައި އަނިޔާވެފައިވާ ޒުވާނާއަށް އައިޖީއެމްއެޗުން އަންނަނީ ފަރުވާ ދެމުންނެވެ.
މި މަހުގެ 19 ވަނަ ދުވަހު ލޮނު ޒިޔާރަތްމަގު ޗާކޯލް ކެފޭ ކައިރިވެސްވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައެވެ. މީގެއިތުރުން މިމަހުގެ 12 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައިވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީ 26 އަހަރުގެ މީހަކު ޒަޚަމްކޮށްލައިފައެވެ.
މާލޭގައި ގުރޫޕް މާރާމާރީތައް ހިންގާ މިންވަރު މަދުކުރުމަށާއި ރައްޔިތުންނަށް އަމާން ރައްކާތެރި ވެއްޓެއް ޤާއިމްކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަން އެ އިދާރާއިން ފާހަގަކުރެއެވެ.