އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ގިނަ އަދަދަކަށް ފައިސާ ނަގައިގެން ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިންގ ކުންފުނިން ހިންގި ސްކީމްގެ މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިސްތިނާފުކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލުން ބުނީ، މި މައްސަލައިގައި ބޭންކުން އިސްތިނާފުކުރަން ނިންމީ ސިވިލް ކޯޓުން ނިންމި ނިންމުގައި ރިއާޔަތްކޮށްފައިނުވާ ޝަރުއީ އަދި ޤާނޫނީ ނުކުތާތަކަށް، އިސްތިއުނާފީ މަރުހަލާގައި ކޯޓުން ރިއާޔަތްކޮށް އިންސާފުވެރި ނިންމެވުމެއް ކޯޓުން ނިންމަވާނެ ކަމަށް އެ ބޭންކުން ޤަބޫލުކުރާތީ ކަމަށެވެ.

މިދިޔަ އަހަރު ބީއެމްއެލުން ވަނީ ކިންގްސް ކެޕިޓަލް އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދުމަށްފަހު، އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓިވޭޓްކޮށް، އެކުންފުނީގެ ފައިސާ ހިފާޓާފައެވެ.

މިމައްސަލަ ކިންގްސް ކެޕިޓަލުން ވަނީ ސިވިލްކޯޓަށް ހުށަހަޅާ، އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓިވޭޓްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކޮށްފައެވެ.

މިމައްސަލާގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވާގޮތުން އެކައުންޓް ޑީއެކްޓްވޭޓްކުރީ އެ ކުންފުނީގެ އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދި ބީއެމްއެލުން އީމެއިލް މެދުވެރިކޮށް އެންގިތާ އެއް ދުވަސް ފަހުންނެވެ. އަދި މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާއިރު، އަމިއްލައަށް އެކައުންޓް ހިފެހެއްޓުމުގެ ނުވަތަ ފްރީޒް ކުރުމުގެ ބާރެއް ގާނޫނުގެ ދަށުން ބޭންކަށް ލިބިގެންނުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މީގެއިތުރުން ބޭންކާއި ކަސްޓަމަރުންނާ ދެމެދު އެއްބަސްވުން އޮންނަ ގޮތުން ބޭންކަށް އިޚްތިޔާރު އޮންނާނީ ފައިސާ ބަލައިނުގަތުމަށް ކަމަށާއި، ނަމަވެސް އެކައުންޓްގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހްތިޔާރެއް ބޭންކަށް ނޯންނަ ކަމަށް އެ ހުކުމުގައިވެއެވެ.

އެ މައްސަލާގައި ކިންގްސްގެ ހިއްސާދާރުންނާއި އަލްހާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ވެސް ދަނީ ހިންގަމުންނެވެ. އެ މައްސަލާގައި ދާދި ފަހުން އަލްހާންގެ އޮފީސް ފުލުހުން ފާސްކޮށް، ފޯނު ވެސް ހިފެހެއްޓިއެވެ.