މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ދައުލަތުން ދައުވާކުރި ތިން މީހުންގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދަޢުވާ ކުރުމަށް ހުށަހަޅާފައިވާ ތިން މީހުންނަކީ މ. ލެގޫންވިއު، އިސްމާޢީލް ޢަބްދުއްރަޙީމް އާދަމްއާއި މއ.ފާގަފިލާގެ، އަޙްމަދު އިސްމާޢީލް އަދި ދަފްތަރު ނަންބަރު 8499 އަޙްމަދު މުޢާޒެވެ.

ޕީޖީ އޮފީހުން ބުނީ މައްސަލައިގެ މިއަދުގެ އަޑުއެހުން ކޯޓުން ކެންސަލްކުރީ، އަލަށް އަމަލުކުރަން ފަށާފައިވާ ހެއްކާ ބެހޭ ގާނޫނާ އެއްގޮތަށް، މާއްދީ ހެކި ވަކިން ކެޓަގަރައިޒްކޮށްފައި ކޯޓަށް ހުށަހެޅުމައް ދައުލަތަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް ދައުލަތާއި ދިފާއުން ވެސް އެދިގެން ސިއްކޮށްގެން ކުރިއަށް ގެންދަނީ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އާއި ޝަރީއަތުގައި ދައްކާ ވާހަކަތައް ހާމަވާއިރު މައްސަލައިގައި ހިމެނޭ އެކި މީހުންނަށް ގެއްލުންވެދާނެކަމުގެ ބިރު އޮތުމާއިއެކުގައެވެ.

މި މީހުންގެ ތެރެއިން އިސްމާޢީލް ޢަބްދުއްރަޙީމް އާދަމްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާއެވެ. އޭނާގެ މައްޗަށް މިދަޢުވާ ކުރަނީ 2014ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް މަރާލުމަށްޓަކައި 2014ވަނަ އަހަރުގެ ތެރޭގައި އަޙްމަދު ރިޟުވާން ޢަބްދުﷲ އަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީއެވެ.

އަޙްމަދު އިސްމާޢީލްގެ މައްޗަށް ދަޢުވާ ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ އޭނާއަށް ކުރަނީ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީއާއި، އަޙްމަދު އިސްމާޢީލްއާއި، އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު އަހްމަދު ރިޟްވާން ޢަބްދުﷲ ރަހީނުކޮށް މަރާލާފައިވާތީއެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް މަރާލި މައްސަލަގައި ދަޢުވާ ކުރާ އަޙްމަދު މުޢާޒުގެ މައްޗަށް ދަޢުވާ ކުރަނީވެސް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއެވެ.

އެއީ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީއާއި، އަޙްމަދު މުޢާޒުއާއި، އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު އަހްމަދު ރިޟްވާން ޢަބްދުﷲ ރަހީނުކޮށް މަރާލާފައިވާތީވެ ކުރާ ދަޢުވާކަމަށް ޕީޖީ އޮފީހުން ކުރިންވަނީ ބުނެފައެވެ.