ކުންފުނިތަކުގެ އެމްޑީން ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރައްވާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ 86ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މިފަދައިން ވިދާޅުވެފައިވަނީ ނިމިދިޔަ ހަފްތާގެ އާދިއްތަ ދުވަހު މާލެ ސިޓީ ކައުންސިލްގެ އޮފީސް އިމާރާތްތަކާއި، އެނޫންވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުން ސްޓެލްކޯގެ ފަރާތުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމާއި ގުޅިގެންނެވެ.
މޭޔަރު ވިދާޅުވީ މިޢަމަލަކީ ސްޓެލްކޯ ފަދަ ރައްޔިތުންނަށް ޢާއްމު ޚިދުމަތެއް ދެމުންދާ ކުންފުންޏަކުން ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި، މިކަން ކޮށްފައިވަނީ ކައުންސިލުން ކަރަންޓްބިލް ނުދައްކައިގެން ނޫންކަމަށާއި، ކުންފުނީގެ އެމްޑީއަށް އަޑުއިވުނު ޔޯލަ ވާހަކަތަކަށް ބިނާކޮށް ކަމަށެވެ. އެހެން ނަމަވެސް ނުދައްކާހުރި ބައެއް ބިލްތައް ހުރިކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މިއާއިއެކު މޭޔަރު ވިދާޅުވީ އާންމު ޚިދުމަތްތަކަކީ މިފަދައިން ކުންފުނިތަކުގެ ވެރިން ބޭނުންވީމަ ބޭނުންގޮތެއް ހެދިގެންވާނެ ކަންކަމެއް ނޫން ކަމަށެވެ. އަދި ކުންފުނި ތަކުގެ ވެރިންނަށް މިފަދަ ބާރެއްލިބިފައި އޮތްނަމަވެސް މިގޮތަށް ޢަމަލު ނުކުރެވޭނެކަމުގައި މޭޔަރު ވިދާޅުވިއެވެ. އަދި މާލެ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދެމުންދާ އެއްވެސް ހުއްދައެއް ހުއްޓުވާފައި ނުވާނެ ކަމަށާއި، އެއީ ކައުންސިލުން ކުރާނެކަމެއް ނޫންކަމުގައިވެސް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ސްޓެލްކޯއަކީ އަމިއްލަ މީހެއްގެ ކުންފުންޏެއްނަމަ މިފަދައިން ޢަމަލުކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް ކަރަންޓުގެ ޚިދުމަތަކީ ލާމަރުކަޒީ ޤާނޫނުގައިބުނާ ޢާއްމު ޚިދުމަތެއް ކަމަށާއި، މިއީ މިހެން ކުރެވޭނެ ކަމެއްނޫން ކަމަށެވެ.
ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފިއިރު ސްޓެލްކޯއިންވެސް ޢަމަލުކުރީ ބެއްލެއްވުމެއްވެސް ނެތި މާލެ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކަށް ބުރޫއަރާ ގޮތަށް ކަމުގައި މޭޔަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޕާކުތަކާއި، އާންމު ރައްޔިތުންނަށް ޚިދުމަތްދޭ އޮފީސްތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލިކަން މޭޔަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވެމްކޯގެ ފަރާތުންވެސް މިފަދަ ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކައުންސިލުން މާލޭގެ މަގުތަކާއި ހުސްބިންތަކުން ނަގާކުނި ގެންގޮސް އަޅަމުންދާ ވެމްކޯގެ ސައިޓުން ކުނި ބަލައިގަތުންވެސް ހަމަ އެދުވަހު ހުއްޓުވިކަމަށް މޭޔަރު ވިދާޅުވިއެވެ. މިއާއިއެކު މޭޔަރު ވިދާޅުވީ ވެމްކޯގެ ސައިޓަށް ކުނި އަޅަނީވެސް ފައިސާ ދެއްކުމަށްފަހުގައި ކަމަށެވެ.
މޭޔަރު ވިދާޅުވީ މި މައްސަލައާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗެއަރމަން ޔަޒީދު އާއިވެސް މަޝްވަރާކުރެވުނު ކަމަށާއި، ސްޓެލްކޯ އާއި ވެމްކޯގެ މިޢަމަލު އެފަރާތުންވެސް ކުށްވެރި ކުރެއްވި ކަމަށެވެ.
އަދި އާންމު ޚިދުމަތްތައް މިގޮތަށް ނުހިފެހެއްޓޭނެ ކަމުގައި ޔަޒީދުވެސް ވިދާޅުވެފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.