ހެލްތު މިނިސްޓްރީއަށް ބޭނުންވާ މެޑިކަލް އަދި ލެބޯޓްރީ ކޮންސިއުމަބަލްސް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފައިސާނެގުމަށްފަހު، އެ އެއްބަސްވުމުގައިވާ ގޮތަށް ތަކެތި ފޯރުކޮށްދީފައިނުވާތީ، ދައުލަތަށް 13.1 މިލިއަން ރުފިޔާ ދެއްކުމަށް އެފްޓެކް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ މެޑިކަލް އަދި ލެބޯޓަރީ ކޮންސިއުމަބަލްސް ފޯރުކޮށްދިނުމަށް 2010 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ހަތްވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތާއިއެކު އެފްޓެކުން ވެފައިވާ އެއްބަސްވުމުގެ ޖުމްލަ އަގަކީ 12.7 މިލިއަން ރުފިޔާއެވެ. އެއްބަސްވުމުގެ ޖުމްލަ އަގު ލެޓާ އޮފް ކްރެޑިޓެއްގެ ދަށުން ހެލްތު މިނިސްޓްރީން އެފްޓެކާއި ހަވާލުކުރި ނަމަވެސް، މިމައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މުދަލުގެ ތެރެއިން 11.8 މިލިއަން ރުފިޔާގެ މުދާ ފޯރުކޮށްދީފައިނުވާތީއެވެ.

މިމައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ އެ މުދަލަށްވާ ފައިސާ އަދި އެއްބަސްވުމާއި އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ރުފިޔާއާއެކު، ޖުމްލަ 13.1 މިލިއަން ރުފިޔާ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އެފްޓެކްގެ އަތުން ނަގައިދިނުމަށެވެ.

އެފްޓެކްއާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަވާލުކުރި 12.7 މިލިއަން ރުފިޔާ ޖަމާކޮށްފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެފްޓެކްގެ އެކައުންޓަކަށްކަން ސާބިތުވާކަމަށް، މައްސަލާގައި ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ރިއާޔަތްކޮށް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

އަދި އޭގެ ތެރެއިން އެފްޓެކުން ފޯރުކޮށްދީފައިވަނީ 932،294 ރުފިޔާގެ ތަކެތިކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގު ރިޕޯޓުން ހާމަވާތީ، އެއްބަސްވުމުގެ ޖުމްލަ އަގުން އެ ފައިސާ އުނިކޮށް، ބާކީވާ 11.8 މިލިއަން ރުފިޔާ އަކީ އެ ކުންފުނިން އަނބުރާ ދޭންޖެހޭ ފައިސާ ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ.

މި މައްސަލާގައި އެފްޓެކްގެ ފަރާތުން ޖަވާބުދާރީވުމަށް އެއްވެސް ފަރާތެއް ކޯޓަށް ހާޒިރުވެފައިވުވާތީ، ކޯޓުން ހުކުމްކޮށްފައިވަނީ އެކުންފުނީގެ ޣައިރު ހާޒިރުގައެވެ.

އެ ކުންފުނީގެ އެޑްރެހުގައި މިހާރު އެ ކުންފުނީގެ އޮފީހެއް ނެތުމުން ޖަވާބުދާރީވުމަށް އަންގައި ފޮނުވި އަމުރުތައް ރައްދުކުރެވިފައިނުވާ ކަމަށާއި، ޖަވާބުދާރީވާނެ ފަރާތެއް ނެތްނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށްގެންދާނެކަން އާންމުކޮށް ކޯޓުން ކުރި އިއުލާނަށް ފަހުވެސް ކުންފުނިން ޖަވާބުދީފައިނުވާ ކަމަށް ހުކުމުގައިވެއެވެ.

މިމައްސަލާގައި އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރިކަން ސާބިތުކޮށްދިނުމަކީ އެފްޓެކްގެ ޒިންމާއެއްކަން ފާހަގަކުރައްވާ، އެ ކުންފުނިން ޖަވާބުދާރީވެ އެކަން ސާބިތުކޮށްދިނުމާ ހަމައަށް ޝަރީއަތުގެ ކުރިމަތީގައި ބެލެވޭނީ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.

އަދި އެއްބަސްވުމާއި އެއްގޮތަށް މުދާ ފޯރުކޮށްދީފައިނުވާތީ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަނާއެކު، ޖުމްލަ 13.1 މިލިއަން ރުފިޔާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށް އެފްޓެކްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމުގައިވެއެވެ.