ގއ.ވިލިނގިއްޔާއި ސ.ހިތަދޫގެ ނަރުދަމާ ޤާޢިމްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައީދު މުޙައްމަދުއެވެ.

މީގެ ތެރެއިން ވިލިނގިިލީގެ އަލަށް އާބާދުވި ސަރަޙައްދު އަދި ހިއްކި ބިމުގައި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ހަވާލުކޮށްފައިވަނީ 480 ދުވަހުގެ ތެރޭ މި މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ 43.8 މިލިއަން ރުފިޔާއަށެވެ.

މި އެއްބަސްވުމުގެ ދަށުން ގއ.ވިލިނގިލި އަލަށް އާބާދުވި ސަރަޙައްދުގެ އިތުރުން އެރަށުގައި ފަހުން ހިއްކާފައިވާ ބިމުގައި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް، ޕަންޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް، ނަރުދަމާ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް އަދި ސީ އައުޓްފޯލް އެއް އެޅުމުގެ މަސައްކަތް ކުރާނެއެވެ.

އަދި ހިތަދޫ މަޝަރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 350 ދުވަހުގެ ތެރޭ ނިންމުމަށެވެ. މި މަސައްކަތަކީ 21.5 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝަރޫޢުގެ ދަށުން ހިތަދޫގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުގެ ތެރެއިން ފެނާއި ނަރުދަމާ ޤާއިމު ކުރެވިފައިނުވާ ސަރަޙައްދުގައި ނަރުދަމާ ހޮޅި އަޅާ، ނަރުދަމާ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން ފެނުގެ ވިއުގައެއް އަޅަ، ފެން މީޓަރު ބަހައްޓާ، މިހާރު އައްޑޫ ހިތަދޫގައި ދެމުންދާ ފެނާއި ނަރުދަމާގެ ނިޒާމާ ގުޅާލުމުގެ މަސައްކަތް މި އެއްބަސްވުމުގެ ދަށުން ކުރާނެއެވެ.

މީގެ އިތުރުން ފ.ނިލަންދޫގައި މިހާރު ހުރި ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ނިލަންދޫގައި 2008 ވަނަ އަހަރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ވެކިއުމް ސްޓޭޝަން ހެދުން، ޕަންޕްތަކާއި އެހެނިހެން ތަކެތި ބަދަލު ކުރުން، ސީއައުޓްފޯލްއެއް އެޅުން އަދި ސްވަރ ޖެޓިންގ މެޝިނެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެއެވެ. 42.3 މިލިއަން ރުފިޔާގެ މި މަޝްރޫޢު ފެނަކައާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭ ނިންމުމަށެވެ.