މާލޭގެ ރަށްވެހިންނަށް ގޯތިދިނުމަށް އެކުލަވާލި އުޞޫލު ބާތިލުކުރަން ހައި ކޯޓަށް ހުށައެޅި މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން އެމައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ބަލައިގަތުމާއިމެދު ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގައިވާ ""މާލެ ރައްޔިތެއް" ކަމުގައި ބަލާ މާއްދާ ބާތިލްކުރުމަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވަނީ ހުސްވި ޑިސެންބަރު މަހުގެ ތެރޭގައެވެ.
މިމައްސަލައަކީ ގާނޫނީ ވަކީލު ހަސަން ފަލާހާއި ޝިހާދު އިބްރާހިމް ދުސްތޫރީ މައްސަލައެއް ގޮތުގައި ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މިމައްސަލާގައި ދައުލަތުން ވަނީީ، މިއީ ފުރަތަމަ މަރުޙަލާގައި ހައިކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލައެއް ނޫންކަމަށްބުނެ އިޖުރާއީ ނުކުތާއެއް ހުށަހަޅާފައެވެ.
ދުސްތޫރީ މައްސަލައެއް ކުރިއަށް ގެންދިއުމުގައި ބަލަންޖެހޭ އަސާސް އަކީ ދުސްތޫރީ މައްސަލައެއްގައި ހިމެނޭ އަސާސީ ކަންތައްތަކަކީ ކޮބައިތޯ އާއި އެކަންތައްތަކުގެ ތެރެއިން ސުވާލު އުފައްދާ ކަމަކީ އެ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްތޯއެވެ.
ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރު މުޙައްމަދު ނިޔާޒު ވިދާޅުވީ ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބަލަންޖެހޭ ކަމެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްމެނުވީ އެއީ ދުސްތޫރީ މައްސަލައެއް ކަމަށްވިޔަސް ފުރަތަމަ މަރުހަލާގައި ހައި ކޯޓަށް އެމައްސަލަ ނުބެލޭނެ ކަމަށެވެ.
އަދި މިމައްސަލާގައި ސުވާލު އުފައްދާ އުސޫލަކީ އެއްވެސް ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއްނެތް މައްސަލައެއް ކަމަށްވެސް ފަނޑިޔާރު ނިޔާޒް ވަނީ ވިދާޅުވެފައެވެ.
ފަނޑިޔާރު ވިދާޅުވީ ހައި ކޯޓަށް ބެލޭނީ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ބައެއް، ގާނޫނު އަސާސީއާއި ހިލާފު ކަމަށް ބުނެ ހުށަހެޅޭ މައްސަލަތައް ކަމަށެވެ.
މިމައްސަލައިގެ ބެންޗުގައި ނިޔާޒުގެ އިތުރުން ދެން ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު ހުސައިން މަޒީދާއި، ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.
ބިންވެރިޔާ ސްކީމުގެ އުޞޫލު ބައްޓަންކޮށްފައި ވާގޮތުން "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނުވާ މީހުންނެވެ.
ނަމަވެސް މިނިސްޓްރީން ފަހުން ގެނައި އިސްލާޙުގައި މާލޭގެ ރައްޔިތެއްގެ ގޮތުގައި ބަލާ މިންގަނޑަށް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން އެމީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތެއް ކަމަށްވެފައި، ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައަޅާފައިވާ ޤަވާއިދެއްގެ ސަބަބުން ނުވަތަ އުޞޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓްރީގައި ޖެހުމަށްފަހު، މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީވެފައި ވާނަމަ، އެފަދަ މީހުން ބަލާނީ މާލޭގެ ރައްޔިތުންގެ ގޮތުގައިކަމަށް ފަހުން ގެނެވުނު އިސްލާޙުގައި ބަޔާންކޮށްފައި ވެއެވެ.