ނިއުޒީލެންޑްގައި ވެރިކަންކުރާ ލޭބަރ ޕާޓީގެ އައު ލީޑަރ ކްރިސް ހިޕްކިންސް، ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފިއެވެ.
އުމުރުފުޅުން 44 އަހަރުގެ ކްރިސް ހިޕްކިންސް، ޕާޓީގެ ލީޑަރުގެ ގޮތުގައި ބޮޑުވަޒީރުކަމުގެ ހުވާ މި ކުރެއްވީ، ނިއުޒީލެންޑްގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޖަސިންދާ އަރްދަން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޖަސިންދާ އަރްދަންގެ ސަރުކާރުގައި ކްރިސް ހިޕްކިންސް ވަނީ، ފުލުހުންގެ މިނިސްޓަރުކަމާއި، ކޮވިޑް ރެސްޕޮންސް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.
ރަސްގެފާނު ޗާރލްސްގެ މަންދޫބަށް އިސްތިއުފާގެ ސިޓީފުޅު ރަސްމީގޮތުން ހުށަހެޅުއްވުމަށް ގަވަރމަންޓް ހައުސްއަށް ވަޑައިގަތުމުގެ ކުރިން ޖަސިންދާ އަރްދަން މިއަދުވަނީ، ޕާލަމެންޓް އިމަރާތުގެ ގޯތިތެރޭގައި، ލޭބަރ ޕާޓީގެ ހުރިހާ މެމްބަރުންނާ ވަކިވަކިން ސަލާމްގަލާން ކުރައްވާފައެވެ.
ޖަސިންދާ އަރްދަން އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމާއެކު، ކްރިސް ހިޕްކިންސްއާއި، އޭނާގެ ނައިބް ކާރމަލް ސެޕުލޯނީ ވަނީ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. ކާރމަލް ސެޕުލޯނީއަކީ ޕެސިފިކް އައިލެންޑަރ ދަރިކޮޅުން ނިއުޒީލެންޑްގެ ބޮޑުވަޒީރުގެ ނައިބްކަން ކުރައްވާ ފުރަތަމަ ބޭފުޅާއެވެ.
ކްރިސް ހިޕްކިންސް، އޭނާގެ ސަރުކާރެއްގައި ގެންގުޅޭނެ ސިޔާސަތުތަކާ ގުޅޭގޮތުން އަދި އާންމުކޮށް އެއްވެސް ބަޔާނެއް ނުދެއްވައެވެ.
އެހެން ނަމަވެސް، ކްރިސް ހިޕްކިންސްއަކީ ނިއުޒީލެންޑްގެ ރައްޔިތުންގެ މެދުގައި ވަރަށް މަގްބޫލު ޝަޚްސިއްޔަތެކެވެ. އެއީ، ކޮވިޑްގެ ބަލިމަޑުކަމާ ދެކޮޅަށް ނިއުޒީލެންޑުން ކުރި ކާމިޔާބު މަސައްކަތްތަކުގެ އެންމެ އިސް މޭސްތިރިއަކީ ކްރިސް ހިޕްކިންސް ކަމުންނެވެ.
ނިއުޒީލެންޑްގެ އާންމު އިންތިޚާބު އޮކްޓޫބަރު މަހު ބާއްވަން ތާވަލް ކުރެވިފައި ވާއިރު، އެގައުމުގައި ނަގަމުންދާ ޚިޔާލު ހޯދުމުގެ ވޯޓުތަކުންވެސް ދައްކަނީ، ކްރިސް ހިޕްކިންސްގެ ލީޑަރޝިޕްގެ ދަށުން އިންތިޚާބު ކާމިޔާބު ކުރާނީ ލޭބަރ ޕާޓީ ކަމަށެވެ.
އެކަމަކު، އިދިކޮޅު ނޭޝަނަލް ޕާޓީގެ ހަރަކާތްތައްވެސް ފުޅާކޮށް ވަރުގަދަ ކޮށްފައިވާއިރު، އިންތިޚާބު ކާމިޔާބުކޮށް ޕާލަމެންޓްގެ އަޣުލަބިއްޔަތު ނެގުމަކީ ލޭބަރ ޕާޓީއަށް އެހާ ފަސޭހަ ކަމަކަށް ނުވާނޭ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.