މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ބޭނުންވާ އިންތިޚާބީ މަރުކަޒު ހަމަޖައްސައިދީފައިނުވާތީ، އިންތިޚާބު ބާއްވަން ނިންމާފައިވާ ތާރީޚަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތްކަން އެ ކޮމިޝަނުގެ ރައީސް، ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކާ ވާހަކަދައްކަމުން ފުއާދު ވިދާޅުވީ، އިންތިޚާބީ މަރުކަޒު ހަމަނުޖެހޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިހާރު ތާވަލުކޮށްފައިވާ ގޮތަށް، އިންތިޚާބު ކުރިއަށް ނުގެންދެވިދާނެކަމުގެ ބިރު އެބައޮތްކަން ފުއާދު ހާމަކުރެއްވިއެވެ.

މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރުމަހުގެ 30 ގައި ކަމަށެވެ. އަދި މި ފަހަރުގެ އިންތިޚާބުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުންކުރާނީ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތްކަމަށް އީސީއިން ބުނެފައިވެއެވެ.

އިންތިޚާބަށް ތައްޔާރުވުމަށް އަޑުގެ އިމާރާތް އީސީއާ ހަވާލުކުރުމަށް އޮތް މުއްދަތުގެ ތެރޭގައި އެކަން ކޮށްފައިނުވާއިރު، އެތަން ހަވާލުކުރުމަށް އިތުރު ތާރީޚެއް މިހާރު ދީފައިވާކަމަށް ފުއާދު ވިދާޅުވެފައިވެއެވެ. އެގޮތުން މި މަހުގެ ނިޔަލަށް އެ އިމާރާތް އީސީއާ ހަވާލުކުރާނެކަމަށް ބުނެފައިވާކަމަށް ފުއާދު ވިދާޅުވެފައިވެއެވެ.

އިންތިޚާބީ މަރުކަޒު އީސީއާ ހަވާލުކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ފުއާދު ވިދާޅުވީ، އެކަމުގެ ސަބަބުން މަސައްކަތްތައް ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި، ކުޑަކުޑަ އިމާރާތެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ނެގުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މި މަހު 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުއާދު ތަޢުފީޤް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ޖުލައިމަހުގެ ތިން ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި ރިޔާސީ އިންތިޚާބުގެ ސްލޯގަންއަކަށް ބޭނުންކުރަނީ "މަގޭ ވިސްނުން، މަގޭ ވޯޓު" ކަމަށެވެ.

މި ފަހަރު ވޯޓުލެވޭ މީހުންގެ ލިސްޓް މެއިމަހުގެ ދެވަނަ ދުވަހު އާންމުކުރާއިރު، ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާހުށައެޅުމަށް 30 ދުވަހުގެ މުއްދަތެއް ޖޫންމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރޭޝަނަށް 21 ދުވަހުގެ މުއްދަތެއްދޭއިރު އެ މުއްދަތު ގުނަނީ 16 ޖުލައިން 5 އޮގަސްޓާއި ދެމެދުއެވެ.

ފުއާދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރުމުގެ ފުރުޞަތު 23 ޖުލައިން ތިނެއް އޮގަސްޓުގެ ނިޔަލަށް ހުޅުވާލާނެކަމަށެވެ. އަދި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ނުވައެއް އޮގަސްޓްގައި އިޢުލާނުކުރާއިރު ކެމްޕެއިންކުރުމަށް 10 އޮގަސްޓުން ފެށިގެން އަށެއް ސެޕްޓެމްބަރާ ހަމަޔަށް ފުރުޞަތު ދޭނެކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ އިންތިޚާބުގެ ވަގުތީ ނަތީޖާތައް، ނަތީޖާ ޝީޓް ލިބޭވަރަކުން ހާމަކުރާނެކަމަށާއި ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިންތިޚާބު ބާއްވާތާ ހަތް ދުވަހުގެ ތެރޭގައި އިޢުލާނުކުރާނެކަމަށެވެ.

މި އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުޞަތު 25 ޖުލައިއިން 13 އޯގަސްޓާ ހަމަޔަށް ހުޅުވާލުމަށްވެސް އިލެކްޝަނުން ވަނީ ނިންމާފައެވެ.