އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަކީ މި ސީޒަނުގައި ލީގު ޓައިޓަލްއަށް ވާދަކުރާ ޓީމަކަށްވާއިރު، އެ ޓީމާ ވާދަކުރާ ޓީމަކަށް މެންޗަސްޓާ ސިޓީވާން ބޭނުންނުވާ ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.

އެފްއޭ ކަމުގެ ހަތަރުވަނަ ބުރުގައި ހުކުރު ދުވަހުގެރޭ ދަންވަރު އާޓެޓާގެ ކޯޗުކަމުގެ ދަށުގައި ކުޅެމުން އަންނަ އާސެނަލްއާއި ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅޭ މެންޗަސްޓާ ސިޓީ ވާދަކުރާނެއެވެ. މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާޓެޓާ ބުނީ، ގާޑިއޯލާ އިރުޝާދުދޭ ޓީމަކާ ދެކޮޅަށް ކުޅުމަކީ ތަފާތު އިހުސާސެއް ކުރުވާ ކަމެއްކަމަށެވެ. އަދި އެދެނީ ގާޑިއޯލާއަށް އެންމެ ރަނގަޅުގޮތްވުން ކަމަށާއި ހަގީގަތުގައި، ވާދަވެރިކަމެއްގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމަށް އެކަމުގެ އަސަރުކޮށްފާނެތީ އެކަމާ ޖެހިލުންވާ ކަމަށެވެ.

އާޓެޓާ އިތުރަށްބުނީ، ލީގު ޓައިޓަލްއަށް އާސެނަލްއާއި ސިޓީ ވާދަކުރުން މިއީ އަންނާނެ ދުވަހެއްކަން ގަބޫލުކުރި ކަމަށާއި، މިއީ އެކަން ވާނެ ސީޒަން ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ގާޑިއޯލާއާ ދެމެދު އޮތް އެކުވެރިކަމަށް، ދެމީހުން އެކުގައި ހޭދަކުރި ދުވަސްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އުންމީދުކުރާ ކަމަށް އާޓެޓާ ބުނެފައިވެއެވެ. އަދި އާޓެޓާގެ ދިރިއުޅުމުގައި ގާޑިއޯލާއަކީ ކިހާ މުހިންމު މީހެއްކަމާއި، އާޓެޓާގެ ކެރިއަރުގައި ވެސް ގާޑިއޯލާއަކީ ކިހާ އިސް ދައުރެއް އަދާކުރި މީހެއްކަން ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ. އެހެންނަމަވެސް ދެ މީހުންނަކީ ވެސް އެ ދެ މީހުން އިރުޝާދުދޭ ޓީމާއެކު ކާމިޔާބީ ހޯދަން ބޭނުންވާ ބަޔަކަށްވާއިރު، އެންމެ ބޭނުންވިގޮތަކީ ގާޑިއޯލާގެ ޓީމު ނޫން ޓީމަކާ ޓައިޓަލްއަށް ވާދަކުރުމަށް ކަމަށް އާޓެޓާ ބުނެފައިވެއެވެ.

ގާޑިއޯލާއަށް ތައުރީފުކޮށް އަދި ގާޑިއޯލާއަށް ކުރާ އިޚްތިރާމްގެ ވާހަކަ އާޓެޓާ ފާހަގަކުރިއިރު، އާޓެޓާ އަކީ ގާޑިއޯލާގެ ދަށުން މެންޗަސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތެކެވެ. 2016 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު ސިޓީގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި ހުރުމަށްފަހު، އާސެނަލްގެ ހެޑް ކޯޗުގެ މަގާމަށް އާޓެޓާ އައީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ގާޑިއޯލާގެ ސިޓީއާއެކު ޓައިޓަލް ރޭސްގައި ވާދަކުރަން ބޭނުންނުވާ ކަމަށް އާޓެޓާ ބުނިއިރު، އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތީ ކުޅުނު 19 މެޗުން 50 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ސިޓީ އޮތީ 20 މެޗުން 45 ޕޮއިންޓު ހޯދައިގެންނެވެ.