އެންމެ ޒަމާނީ ހަނގުރާމަމަތީ ޓޭންކްތައް ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުން ވައުދުވިތާ އެއްދުވަސްފަހުން، ރަޝިޔާއިން ޔޫކްރެއިންގެ އެތައް މިތަނަށް މިސައިލް ހަމަލާތައް ދޭން ފަށައިފިއެވެ.
ރަޝިޔާއިން ހަމަލާތައް މިއަދު ދޭން ފެށި ވަގުތަކީ ޔޫކްރެއިންގެ އާންމުން މަސައްކަތަށް ނުކުތް ވަގުތުކަމުން، މުޅި ޔޫކްރެއިނުން ހަނގުރާމައިގެ ރަނގަބީލުގެ އަޑުތައް ގުގުމައިގެންދިޔައެވެ. އެއާއެކު، އާންމުންނަށް ޖެހުނީ ގެތަކަށް ވަދެ ހިމާޔަތް ހޯދާށެވެ.
ވެރިރަށް ކިޔޭވްގައި އާންމުން ހިމާޔަތް ހޯދަން ވަނީ، ރެއިލް ދުއްވާ ބިމުއަޑީ މަގުތަކަށެވެ.
ކިޔޭވްގެ މޭޔަރ ވައިޓަލީ ކްލިޝްކޯ ވިދާޅުވީ، އޮފީސް އިމާރާތަކަށް މިސައިލް ހަމަލާއެއް އަމާޒުވެ އެކަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ކަމަށެވެ.
ރަޝިޔާއިން ދޭން ފެށި މިސައިލް ހަމަލާތަކުގައި ލިބުނު އިތުރު ގެއްލުންތަކުގެ ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ރަޝިޔާއިން ފޮނުވާލި 24 ޑޮރޯނެއް ސިފައިން ވައްޓާލި ކަމަށެވެ. އޭގެތެރެއިން 15 ޑްރޯން ވައްޓާލީ ވެރިރަށް ކިޔޭވް ކައިރިން ކަމަށްވެސް ބުނެފައި ވެއެވެ.
ޔޫކްރެއިނަށް އެންމެ ޒަމާނީ ހަނގުރާމަތީ ޓޭންކްތައް ދޭން އެމެރިކާ އަދި ޖަރުމަނުން ރަސްމީގޮތުން އިއުލާން ކުރުމުން ރަޝިޔާވަނީ ވަރަށް ރުޅިއައިސްފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ރޭގައި ވިދާޅުވީ، އެމެރިކާއިން ގެންގުޅޭ އެންމެ ޒަމާނީ ބިޔަ އަބްރަމްސް ޓޭންކުގެ 31 ޓޭންކް ޔޫކްރެއިނަށް ފޮނުވާނެ ކަމަށެވެ. ޖަރުމަނުގެ ޗާންސެލަރ އޮލާފް ޝޮލްޒް ވިދާޅުވީ، ޖަރުމަނުން ލެޕަޑް2 ގެ 14 ޓޭންކް ފޮނުވާނޭ ކަމަށެވެ.
އެމެރިކާއާއި ޖަރުމަނުގެ ފަހަތުން، ހުޅަނގެ އެހެން ގައުމުތަކުންވެސް ޓޭންކްތައް ފޮނުވަން ފަށާނެ ކަމަށް މިހާރު ބެލެވެން ފަށާފައި ވެއެވެ.
އިނގިރޭސިވިލާތުން ޔޫކްރެއިނަށް "ޗެލެންޖަރ2" ގެ 14 ޓޭންކް ފޮނުވަން ކުރިން ވައުދުވެފައި ވާއިރު، ޕޯލެންޑް، ފިންލެންޑް، ނޯރވޭ، ސްޕެއިން، ނެދަރލޭންޑްސްއިންވެސްވަނީ، ޓޭންކް ފޮނުވަން ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.
ރަޝިޔާއިން ބުނެފައިވަނީ، ޔޫކްރެއިނަށް ޓޭންކްތައް ފޮނުވުމުގެ މާނައަކީ އެމެރިކާއާއި، ހުޅަނގުން ހަނގުރާމައިގެ ތެރެއަށް ވަދެގަނެ "ސީދާ ކުރިމަތިލުމަކަށް ދިއުން" ކަމަށެވެ. މިއީ، ދުރާލައި ރާވައިގެން ކުރާ ކަމެއް ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.