ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ވައި، ސިއްހަތަށް ނުރައްކާވާ މިންވަރަށް ނުސާފުވުމާ ގުޅިގެން އާންމުން ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ސަރުކާރުން ނަސޭހަތްތެރި ވެއްޖެއެވެ.

އެގޮތުން، ވެރިރަށް ބެންކޮކާއި، ބެންކޮކް ކައިރީގައިވާ ޕްރޮވިންސްތަކުގައި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ގެއިން ބޭރުގައި ބާއްވާ ހަރަކާތްތަކަށް އާންމުން ނުދިއުމަށާއި، އަދި ގެއިން ބޭރަށް ނުކުމެއުޅޭ އުޅުން ވީހާވެސް ބޮޑަކަށް މަދުކުރުމަށް ބެންކޮކް މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި އަންގާފައި ވެއެވެ.

ބެންކޮކް މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަނުން ބުނީ، ހުކުރު ދުވަހާއި، ހޮނިހިރު ދުވަހު، ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ތަޣައްޔަރުވާނޭ ކަމަށް ލަފާކުރެވިފައިވާ ކަމަށެވެ. އެދެ ދުވަހު ވައިގެ ނުސާފުމިން ހުންނާނީ ޕީއެމް2.5 ގައި ކަމަށްވެސް ބުނެފައި ވެއެވެ.

ކޮންމެހެން ދާންޖެހޭ ހަރަކާތަކަށް ދާނަމަ މާސްކް އަޅައިގެން ދިއުމަށް ބެންކޮކް މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނުގައި ނަސޭހަތްތެރި ވެފައި ވެއެވެ.

އެހެން ނަމަވެސް، ކުރަންހުރި މަސައްކަތްތަކާއި، ހިންގަން ހުރި ހަރަކާތްތައް ދުރާލާ ރާވައި، ކުރިއަށްއޮތް ދެދުވަހު ބޭރަށް ނުކުތުން ވީހާވެސް މަދުކުރަން ނަސޭހަތްތެރިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އަންނަ ހުކުރާއި ހޮނިހިރުގެ އިތުރުން، މޫސުމުގެ ހާލަތަށް އަންނަ ބަދަލުގެ ސަބަބުން، ޖެނުއަރީ 31 އާއި ފެބްރުއަރީމަހުގެ 1 ވަނަ ދުވަހަކީވެސް ބެންކޮކްގެ ވައިގެ ނުސާފުމިން، ނުރައްކާތެރިވާނެ ދެދުވަސް ކަމަށް ބެންކޮކް މެޓްރޯޕޮލިޓަން އެޑްމިނިސްޓްރޭޝަނުން ބުނެފައި ވެއެވެ.

ޕީއެމް2.5 އަކީ ވަރަށް ނުރައްކާތެރި މިންވަރަކަށް ވައިގެ ނުސާފުވެގެންދާ ހާލަތެކެވެ. އެ ހާލަތުގައި ވައި ނުސާފުވެގެންދަނީ 2.5 މައިކްރޯމީޓަރުވެސް ނުހުންނަ ކުދިކުދި ޕާޓިކަލްސްތަކުންނެވެ.

އެ ޕާޓީކަލްސްތައް ނޭވާލާ ނިޒާމުގެތެރެއިން އިންސާނާގެ ހަށިގަނޑުގެތެރެއަށް ވާސިލް، ގިނަ ދުވަސްތަކެއް ވަންދެން ހަށިގަނޑުގެތެރޭގައި ދެމިހުރެއެވެ. ނުވަތަ ފިލްޓަރނުވެ ލޭގެތެރެއަށް ވާސިލްވެއެވެ.

ވައިގެތެރެއިން ހަށިގަނޑަށް ވާސިލްވާ ކުދި ޕާޓިކަލްސްތައް ހަށިގަނޑުގެ ތެރޭގައި ގިނަދުވަސްތަކެއް ވަންދެން ދެމިހުރުމުގެ ނަތީޖާއަކަށް ވެގެންދަނީ، ހިތުގެ މައްސަލަތަކާއި، ނޭވާލާނިޒާމުގެ ބަލިތަކާއި، ކެންސަރު ޖެހުމަށް މަގުފަހިވެގެން ދިއުމެވެ.