ކުރިން ޖައުސާގެ ނަމުގައި ހިންގަމުންއައި އަދި މިހާރުގެ ޖާހު އިންވެސްޓްމަންޓްގެ މަނުގައި ހިންގާ ކުންފުންޏާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑސީ)ގެ ކޮރަޕްޝަންގެ މައްސަލައެއް ސަރުކާރުގެ ހަތަރު ޢިދާރާއަކަށް ހުށައަޅައިފިއެވެ.

13 މުވައްކިލެއްގެ ފަރާތުން މިދިޔަ ބުދަ ދުވަހު އެ މައްސަލަ ހުށައަޅާފައިވަނީ ރާއްޖޭގެ ލޯ ފާމެއްކަމަށްވާ ޝުނާނާ އެންޑް ކޯގެ ފަރާތުންނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީއާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް މި މައްސަލަތައް ހުށައަޅާފައިވާކަމަށް ޝުނާނާ އެންޑް ކޯގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައިވަނީ ބުނެފައެވެ.

ޝުނާނާ އެންޑް ކޯ ލޯ ފާމްގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި އެޗްޑީސީގެ ފަރާތުން ހައުސިން ޔުނިޓްތަކެއް އެޅުމުގެ ޕްރޮޖެކްޓެއް ޖާހު އިންވެސްޓްމަންޓުން ހޯދުމަށް ފަހު ދިވެހި ރައްޔިތުންނަށް މަންފާއެއްވާނެކަމަށް ދައްކައި ރައްޔިތުންނަށް އެޕާޓްމަންޓްތަކެއް ވިއްކުމަށްފަހު މަސައްކަތް ނުނިންމައި ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ލޯ ފާމްއިން ހުށަހެޅި މައްސަލައިގައި ވެއެވެ.

އެހެންކަމުން ޚިޔާނާތާއި މަކަރާއި ހީލަތާއި އަދި ޓެކުމުގެ ކުށާއި ގުޅޭ މައްސަލައެއް ތަހުޤީޤު ކޮށްދިނުމަށްއެދި ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ލޯ ފާމްއިން ބުނެއެވެ.

ޖާހު އިންވެސްޓްމަންޓާއި އެޗްޑީސީގެ ބައެއް ޑިރެކްޓަރުންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހެޅި އިރު އެޗްޑީސީގެ ފަރާތުން ޒިންމާ އަދާ ނުކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށައަޅާފައިވާކަމަށް ޝުނާނާ އެންޑް ކޯއިން ބުނެއެވެ.

ކުރީގެ އެކި ސަރުކާރުތަކުގައި ފްލެޓު އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ޚީލަތުން ފައިސާ ނެގުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.