އެންސީއައިޓީ އިން ޑިވެލޮޕްކޮށް، ބަލަހައްޓަމުންދާ އީފާސް ނިޒާމުގެ އައު ވެބް ވަރޝަނެއް ތައާރަފްކޮށް އޮންލައިންކޮށް، އީފާސް ވެރިފައިކުރެވޭނެގޮތް ހަދައިފިއެވެ.

އީފާސްއަކީ ސަރުކާރާއި ދައުލަތުގެ ބައެއް މުވައްސަސާތަކުން އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ހިދުމަތް ހޯދާފަރާތް، ޑިޖިޓަލްކޮށް ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ.

އޮންލައިން ވެރިފިކޭޝަންގެ ހިދުމަތް ތައާރަފު ކުރުމުގެ ކުރިން، އީފާސް ވެރިފައިކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަމުން އައީ، ވެރިފައިކުރުމުގެ ހިދުމަތްދޭ ސަރުކާރުގެ އިދާރާތަކުގެ ކައުންޓަރުތަކަށް ހާޒިރުވެގެންނެވެ. އަލަށް މި ތައާރަފުކުރި ވެބް ވާރޝަން އިން ފޭސް ރެކޮގްނިޝަން ޓެކްނޯލޮޖީ މެދުވެރިކޮށް ކޮންމެ ތާކު، ކޮންމެ ވަގުތެއްގައިވެސް އަމިއްލައަށް އީފާސް ވެރިފައި ކުރެވޭނެ މަގު މިހާރުވަނީ ތަނަވަސްވެފައެވެ.

އީފާސް ވެރިފައިކުރުމުން، އީފާސް ނިސްބަތްވާ މީހާގެ އީފާސް ކަން ކަށަވަރު ކުރެވެއެވެ. އަދި އޮންލައިންކޮށް ހިދުމަތްދޭ ފަރާތްތަކަށް، ހިދުމަތް ދެވެނީ ސައްހަ މީހާއަށްކަން ދެނެގަނެވޭނެއެވެ.

މިއަދު މިގެނެވުނު ބަދަލާއި އެކު، އީފާސްގެ ވެބް އެޕް ވަނީ އިތުރަށް ތަރައްޤީކުރެވިފައެވެ. މި ވެބް އެޕް މެދުވެރިކޮށް އީފާސް ވެރިފައިކުރުމުގެ ހިދުމަތް ތައާރަފު ކުރުމުގެ އިތުރުން، އީފާސް ބޭނުން ކުރެވެމުން ދާގޮތުގެ މައުލޫމާތު ފަސޭހައިން ބަލާލެވޭނެ ގޮތަށް ވަނީ ފަރުމާ ކޮށްފައެވެ.

މީގެ ތެރޭގައި އީފާސް ބޭނުން ކޮށްގެން ލޮގިން ކޮށްފައިވާ ޕޯޓަލްތަކާއި، އެޕޯޓަލްތަކާއި ހިއްސާކޮށްފައިވާ ޒާތީ މައުލޫމާތު ހިމެނެއެވެ. އަދި އެމީހެއްގެ އީފާސް ބޭނުންކޮށްގެން ކުރާ ކޮންމެ ކަމެއްގެ މައުލޫމާތު މި ވެބް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

އީފާހަކީ ސަރުކާރާއި ދައުލަތުގެ އޮންލައިން 61 ޕޯޓަލެއް މެދުވެރިކޮށް ފޯރުކޮށްދޭ 460 އަށްވުރެ ގިނަ ހިދުމަތް ލިބިގަތުމަށް 137 ހާހަށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާ، ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ. 2022 ގައި އީފާސްގެ ނިޒާމް މެދުވެރިކޮށް 1.5 މިލިއަން ފަހަރު، އެކިއެކި ހިދުމަތްތައް ހޯދުމަށް ވަނީ ބޭނުންކޮށްފައެވެ. އީފާސް އަކީ 2012 އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ އިން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ.

އީފާސް ވެރިފައިކުރުމަށް ބޭނުންވާ ފަރާތްތަކުން efaas.gov.mv އަށް ލޮގިން ކޮށްގެން ފަސޭހަކަމާއި އެކު ވެރިފައި ކުރެވޭނެއެވެ. އަދި މިކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެން.ސީ.އައި.ޓީގެ ހެލްޕް ޑެސްކް 3345050 އަށް ރަސްމީގަޑީގައި ގުޅުވުމުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.