ޕީޕީއެމް/ ޕީއެންސީގެ ހަރަކާތްތަކަށް ސަރުކާރުން އަންގައިގެން ފުލުހުން ހުރަސްއަޅައި ޙަލާތައި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިވި ކަމަށް ބުނެ ޕޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ސަރުކާރަށް ފާޑުކިޔައިފިއެވެ.
މިކަމާގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ ޙަރަކާތަށް ސަރުކާރުން ހުރަސް އަޅާ، ފުލުހުން މެދުވެރިކޮށް ޙަރަކާތުގެ ބައިވެރިންނަށް އަނިޔާވެރިވި ކަމަށެވެ.
ރޭ މާލޭގައި ކުރިއަށްގެންދިޔަ ޙަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ އިތުރުން ޙަރަކާތުގެ ބައިވެރިންނާއި މެދު ވަރަށް އަނިޔާވެރިކޮށް ޢަމަލުކޮށްފައިވާ ކަމަށް ވެސް ޕީޕީއެމުން ތުހުމަތުކުރެއެވެ.
އަދި އެގޮތުން މުޒާހަރާގެ ބައިވެރިންގެ ތެރެއަށާއި، ބައިވެރިންގެ ލޮލަށާއި އަނގައާއި ދިމާކޮށް ޕެޕަރ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއިން މީހުން ހައްޔަރުކުރިއިރު، އެމީހުން ބިންމައްޗަށް ވައްޓާލާ އޮބިއެޅި މަންޒަރުތައްވެސް ފެނުނު ކަމަށް ޕީޕީއެމުން ނުރުނު ބަޔާނުގައިވެއެވެ.
މީގެއިތުރުން، ދާދި ފަހުން އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިން ޙަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ޕީޕީއެމް ޕީއެންސީގެ ޙަރަކާތްތައް ހުއްޓުވައި އަޑު ކަނޑުވާލާނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވާ އިންޒާރު ދެއްވާފައިވަ ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ.
އެހެންކަމުން ޕީޕީއެމުން ވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރުމާއި، ރައްޔިތުންގެ ލޮލަށާއި އަނގަޔަށް ޕެޕަރ ސްޕްރޭ ޖެހުމުގެ މި ޢަމަލުތައް ބަލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ހިޔުމަން ރައިޓްސް ކޮމިޝަން ފަދަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލަފައެވެ.
އަދި ޙަރާކާތުގެ ތެރެއިން ހައްޔަރުކޮށްފައިވާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.
ޕީޕީއެމުން މިފަދަ ތުހުމަތުތައް ސަރުކާރަށް ކުރަމުން ގެންދާއިރު، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖާމާނު މިއުވާން މުހައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގަންނަވާއިރު ސުލްހަވެރި ސިޔާސީ ހަރަކާތްތަށް ހިންގަންއޮތް ފުރުސަތުގެ ބޭނުން ނަަހަމަގޮތުގައި ހިފައި، އެފުރުސަތުގެ ތެރެއިން ހަމަނުޖެހުން ހިންގަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގެ ނަމުގައާއި، މުޒާހަރާ ކުރުމުގެ ނަމުގައި ރަށުތެރޭގެ ހަމަޖެހުން ނަގާލާ ރައީސްގެ ސަލާމަތައް ނުރައްކާ ކުރުމުގެ ފުރުސަތެއް ސަލާމަތީ ޙިދުމަތްތަކަކުންނެއް ނުދޭނެކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.