އައްޑޫ ސިޓީ ހަންކެޑައިގަ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބިޔަ ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.

މިކަމާގުޅިގެން މޯލްވިސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ، ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކީ އައްޑޫ ސިޓީ އަލުން ދިރުވައި އެރަށުގައި ފަތުރުވެރިކަމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އައްޑުގެ ރައްޔިތުންނަށް އިންޓަގްރޭޓެޑް ޓޫރިޒަމް މެދުވެރިކޮށް އިތުރު ވަޒީފާތައް ހޯދުމުގެ ފުރުސަތު ލިބި، ކުޑަ އަދި ބޮޑު ވިޔަފާރީތައް ކުރިއެރުވުމަށް ފަހި މާހައުލެއް ގާއިމްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެފްއެމްސީން ބުނެއެވެ.

ހަންކެޑައިގަ ހިންގަން ހަމަޖެހިފައިވާ ޓޫރިޒަމް އިންޓަގްރޭޓެޑް ޕްރޮޖެކްޓްގައި ޖުމްލަ 1041 ކޮޓަރި ހިމެނެއެވެ. މިއިން ކޮންމެ ކޮޓަރިއެއްވެސް ތަރައްޤީކުރާނީ ތަފާތު ޑިޒައިންތަކަށް، ޒަމާނީ ފެންވަރަށް ކަމަށް އެމްއެއެމްސީން ހާމަކުރެއެވެ. އަދި ހަންކެޑެ ތަރައްޤީކުރުމަށްޓަކައި އެރަށުގެ ތެރެއިން އެއްބައި ލިންކްރޯޑުގަ އޮތުމުން، އޭގެ ބަދަލުގައި ރަށުގެ ހުޅަނގު ފަރާތުން ބްރިޖަކުން މަރަދޫއާއި ގުޅުވާލުމުގެ މަސައްކަތްކުރެވޭނެ ގޮތަށް މަގުހެދުމުގެ މަޝްރޫޢު ވަނީ ހަވާލު ކުރެވިފައެވެ.

އައްޑޫސިޓީ އަކީ ޒަމާނުއްސުރެ ފަތުރުވެރިކަމުގެ ދާއިރާއާއި ވަރަށް ގާތް ރައްޔިތުން ތަކެއް ދިރިއުޅެމުން އަންނަ ސިޓީ އެކެވެ. މިދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ބެލި ނަމަވެސް މިސިޓީއަށް ނިސްބަތްވާ އެތަކެއް ހުނަރުވެރިން މިދާއިރާގެ އެކި ފަންތީގައި ހަރަކާތްތެރި ވަމުންދާތަން ފެނެއެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ކޯވިޑާއި ގުޅިގެން ބަންދުކުރި އައްޑޫ ސިޓީގެ އެންމެ ބޮޑު ރިސޯޓު، ޝަންގްރިއްލާ އަންނަ އޮގަސްޓް މަހު ނުވަތަ ސެޕްޓެމްބަރުމަހު ހުޅުވޭނެކަމުގެ އުފާވެރި ޚަބަރު ރައީސް ވަނީ ދެއްވާފައެވެ.