މިމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 138 ހާހުން މައްޗަށް އަރައިފާވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 138،593 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 29.7 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 106،826 ފަތުރުވެރިންނެވެ.
ރާއްޖެއަށް ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު 5،444 ގައި ހުރިއިރު، ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8 ދުވަސް ހޭދަކުރާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ ފުރަތަމަ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކުން މައްޗަށް އަރާފައިވާއިރު، މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ މާކެޓުންނެވެ. އެމާކެޓުން 19،389 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާރު، ލިސްޓުގެ ދެވަނާގައި އޮތް އިންޑިއާއިން 14،350 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ތިން ވަނާގައި އިޓަލީއިން 13،848 ފަތުރުވެރިން މި މުއްދަތުގައި ޒިޔާރަތްކޮށްފައިވެއެވެ. މިލިސްޓުގައި ދެން ހިމެނެނީ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އެމެރިކާ، ފްރާންސް، ޗައިނާ، ކަޒަގިސްތާންގެ އިތުރުން ސައުންތް ކޮރިއާއެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ޓުއަރިޒަމް މިނިސްޓްރީން 1،219 ތަނަކަށް ހުއްދަދީފައިވާރު، މިހާރު ހިދުމަތްދެމުން އަންނީ 1،215 ތަނަކުންނެވެ. އެއީ 168 ރިސޯޓާއި، 13 ހޮޓެލްގެ އިތުރުން 877 ގެސްޓްހައުސް އަދި 157 ސަފާރީއެވެ. މިއީ 59،768 ބެޑް ކެޕޭސިޓީއެވެ. ބެޑް ކެޕޭސިޓީގެ އެންމެ ބޮޑު އިންސައްތައެއް ރިސޯޓްތަކުން ހިއްސާކުރާއިރު، އެއީ 69 އިންސައްތައެވެ.
މިއަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ޓޫރިޒަމްގެ ރެކޯޑެއް ހެދުމަށެވެ. މިދިޔަ 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިނެވެ. މި އަމާޒު ވާސިލްވެ، މިދިޔަ އަހަރު ރާއްޖެއަށް 1،675،303 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.