ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ "ނައިންޓީ ނައިން ހޯލްޑިން"އަށް ވިލިމާލޭން ދޫކޮށްފައިވާ ބިންތައް ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީއަށް އަމަލުކުރަން ނުޖެހޭ ކަމަށް އަންގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

2013 ވަަނަ އަހަރުގެ ޖެނުއަރީ މަހުގައި މާލެ ސިޓީ ކައުންސިލުން ވަނީ، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެއްގަމު ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތެއް ހޯދައި ދިނުމަށްޓަކައި، ތިމާވެއްޓާއި ރަށްޓެހި ދަތުރުފަތުރުގެ ޚިދުމަތެއް، އެ ދާއިރާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން އިމްޕްރިންޓްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ބެޓެރި ވެހިކަލް އެކަނި ދުއްވުމުގެ ހުއްދަ އޮންނަ ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާ 2013 ވަނަ އަހަރުގެ ޖޫން 17 ގައި ހަވާލުކުރި ނަމަވެސް އެ ކުންފުނިން ވަނީ "ނައިންޓީ ނައިން ހޯލްޑިން" އަށް 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގައި އެ މަސައްކަތްތައް ބަދަލުކޮށްފައެވެ.

ސިޓީކައުންސިލުން ބުނީ، އެއްބަސްވުމާއި އެއްގޮތަށް ވިލިމާލޭގައި ބަގީގެ ޚިދުމަތް ނުދޭތީ، އެ އެއްބަސްވުން ބާތިލުކޮށް، "ނައިންޓީ ނައިން ހޯލްޑިން" އަށް އެ އަވަށުން ދޫކޮށްފައިވާ ބިންތައް ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށް އެ ކައުންސިލުން މިދިޔަ އޯގަސްޓްމަހުގެ 25 ވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.

އަދި އެ އެންގުމާއި ގުޅިގެން، ނައިންޓީ ނައިން ހޯލްޑިންގްސް ގެ ފަރާތުން އެ މައްސަލަ މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުގައި ސިވިލް ކޯޓަށް ހުށަހެޅި ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

އެ ނިންމުމާއެކު ނައިންޓީ ނައިން ކުންފުނިން ކޯޓަށް ދިޔުމުން، ސިޓީ ކައުންސިލްގެ ނިންމުމަށް ޢަމަލު ކުރުން ފަސްކުރަން ސިވިލް ކޯޓުން އަމުރުކުރިއެވެ. އެއާއިއެކު އެ އަމުރު ގެ މައްސަލަ މާލެ ސިޓީ ކައުންސިލުން ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ.

ކައުންސިލުން އެ ކުންފުންޏަށް ފޮނުވި ސިޓީއަށް ޢަމަލުކުރަން ނުޖެހޭ ކަމަށް އަންގައި ސިވިލް ކޯޓުން މިދިޔަ އޯގަސްޓް މަހު ނެރުނު އަމުރު ހައިކޯޓުން ބާތިލުކުރީ، މާލޭ ސިޓީ ކައުންސިލުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން، ބުދަ ދުވަހު އިއްވި ހުކުމުގައެވެ.

ސިޓީ ކައުންސިލުން ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީގެ

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގައި ނިންމާފައިވާ ފަދައިން ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ ޖެނުއަރީ މަހުގެ ފަހުކޮޅު މާލެ ގެނެސް ފެބްރުއަރީ މަހުގެ ކުރީކޮޅު މި ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މާލެ ސީޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.