ނޭފަތަށް ޖަހާ އިންޑިއާގެ ފުރަތަމަ ކޮވިޑް ވެކްސިން، އިންޑިއާގައި ބޭނުންކުރަން ފަށައިފިއެވެ.
"އިންކޮވެކް – iNCOVACC" ގެ ނަމުން ނަންދީފައިވާ މި ވެކްސިނަކީ އިންޑިއާގެ ބާރަތު ބަޔޯޓެކުން ތަރައްގީކޮށް އުފައްދާފައިވާ ވެކްސިނެކެވެ.
މި ވެކްސިން އިންޑިއާގައި ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ ކަމާބެހޭ އިދާރާއިން ފުރަތަމަ ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.
މި ވެކްސިން އިންޑިއާގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ، އިންޑިއާގެ ކުންފުނިތަކުން އުފައްދައި ބޭނުންކުރާ ކޮވިޝީލްޑާއި، ކޮވެކްސިންގެ ދެ ޑޯޒް ކުރިން ޖަހާފައިވާ މިހުންނަށް ބޫސްޓަރ ޑޯޒްގެ ގޮތުގައާއި، އަދި އިމަޖެންސީ ހާލަތުގައި އުމުރުން ދުވަސްވީ މީހުންނަށެވެ.
ޖެހިގެން އައި ޑިސެމްބަރުމަހު، ޕްރައިމެރީ ވެކްސިންގެ ގޮތުގައި ބޭނުންކުރުމާއި، އުމުރުން ދުވަސްވީ މީހުންނަށް ބޫސްޓަރ ޑޯޒްގެގޮތުގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައި ވެއެވެ.
ނޭފަތުން ޖަހާ ވެކްސިންގެ ޑޯޒެއް އިންޑިއާގެ އަމިއްލަ ހޮސްޕިޓަލްތަކުން ވިއްކަނީ 800 ރުޕީސްއަށެވެ. މީގެ ވެކްސިން ޑޯޒެއް އިންޑިއާ ސަރުކާރު ހޮސްޕިޓަލްތަކުން ވިއްކަނީ 325 ރުޕީސްއަށެވެ.
މީގެ ވެކްސިންގެ އެއް ޑޯޒް ޖެހުމަށްފަހު އަނެއް ޑޯޒް ޖެހެނީ 28 ދުވަސް ފަހުންނެވެ.
"އިންކޮވެކް – iNCOVACC" ވެކްސިން އުފެއްދި ބާރަތު ބަޔޯޓެކްގެ ޗެއަރމަން ޑރ. ކްރިޝްނާ އެލާ ވިދާޅުވީ، މި ވެކްސިން ޖެހުމަށް ސިރިންޖެއް، ކަށްޓެއް ބޭނުން ނުވާތީ މިއީ ބޭނުންކުރަން ވަރަށް ފަސޭހަ ވެކްސިނެއް ކަމަށެވެ. ސިރިންޖް ބޭނުންކޮށްގެން ޖަހާ ކޮވިޑް ވެކްސިނެކޭ އެއްފަދައިން ނޭފަތުން ޖަހާ މި ވެކްސިނަކީވެސް ކޮވިޑުން ދިފާއުކޮށްދިނުން ވަރުގަދަ ވެކްސިނެއް ކަމަށްވެސް ޑރ. ކްރިޝްނާ ވިދާޅުވިއެވެ.
ނޭފަތަށް ތިކި ޖަހައިގެންދޭ ކޮވިޑް ވެކްސިން އިންޑިއާގައި ބޭނުންކުރަން ފެށިއިރު، ނޭފަތަށް ސްޕްރޭ ކުރާ ޒާތުގެ ކޮވިޑް ވެކްސިން، މިދިޔަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާގައި ބޭނުންކުރަން ފަށާފައި ވެއެވެ.
ނޭފަތަށް ޖަހާ ކޮވިޑް ވެކްސިން، ބަލިން ދިފާއުކޮށްދޭ މިންވަރު ދެނެގަތުމަށް އިނގިރޭސިވިލާތް އަދި އެމެރިކާގައިވެސް ގެންދަނީ ބަލަމުންނެވެ.
ސައިންސްވެރިން ބުނަނީ، ނޭފަތުންޖަހާ ކޮވިޑް ވެކްސިނަކީ ކޮވިޑްބަލިން ދިފާއުކޮށްދިނުން އިތުރަށް ވަރުގަދަވާނެ ވެކްސިނެއް ކަމަށް ބެލެވޭ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، ކޮވިޑް ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަންނަނީ ނޭފަތުގެ ތެރެއިންލާފައި ކަމަށްވުމެވެ.