28 ޖަނައަރީ 2023 ވީ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ މެމްބަރުން ބޮޑު ނިންމުމެއް ނިންމައިފިއެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ނަތީޖާއިން އެޕާޓީގެ މެމްބަރުން ތިބިގޮތް ވަރަށް ސާފުކޮށް އަންގައިފިއެވެ. "ފިކުރެއްގެ ދިރުންތޯ" ނޫނީ "އެމްޑީޕީ ކުރިއަށްތޯ" އުފެދިފައި އޮތް ސުވާލަށް ޖަވާބު ލިބިއްޖެއެވެ.
އާދެ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވޯޓު ލެވޭގޮތަށް ބޭއްވި މި އިންތިޚާބުގައި ދެ ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. ގާތް ދެ ރަހުމަތްތެރިންނެވެ. އެމްޑީޕީގެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާއި އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއެވެ. މިއީ ރާއްޖޭގައި ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއް އެހާ ވާދަވެރިކޮށް ކުރިއަށްދިޔަ ފުރަތަމަ ފަހަރެވެ. އަދި މިއީ، އެމްޑީޕީގެ ކުރިމަގާމެދު ވޯޓަކުން މިހާބޮޑު ނިންމުމެއް ނިންމި މަންޒަރު ދުށް ފުރަތަމަ ފަހަރެވެ.
ކޮންމެ ގޮތެއް ވިޔަސް ނަމްބަރުތައް ދޮގެއް ނުކުރެވޭނެއެވެ. އެމްޑީޕީގެ މެމްބަރުން ބޭނުންވީ ޑިމޮކްރޮސީގެ ހަމައާއި ރީތި މިސާލު ދައްކާށެވެ. ވޭތުވެދިޔަ ސަތާރަ ވަރަކަށް އަހަރު މުޅި ޕާޓީ، ވަކި ބޭފުޅެއްގެ މުށުތެރޭގައި ގެންގުޅުނެއް ކަމަކު އުމުރު ދުވަހު އެކަން އެގޮތަށް އޮންނަން ނުޖެހޭނެކަމަށް ބުނެ އަޑު އިއްވައިފިއެވެ. އާ ލީޑަރަކަށް އާރާއި ބާރު ދޭން ވިޔަސް އެއީ ޕާޓީއަށް އެންމެ ރަނގަޅުގޮތްކަމަށް ވާނަމަ، އެގޮތް އިހުތިޔާރުކުރާނެކަން އެމްޑީޕީގެ މެމްބަރުން ހާމަކޮށްފިއެވެ.
ހޮނިހިރު ދުވަހު ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު ރައީސް ނަޝީދަށް އެމްޑީޕީގެ ކޮންޓްރޯލް ގެއްލުނީއެވެ. ހަޔާތެއް ވަކި މީހަކު ވަށައިގެން އެނބުރުމުގައި ނިންމާލަން ނުޖެހޭ ކަމަށް އެމްޑީޕީގެ މެމްބަރުން ވޯޓުން ބުނެދީފިއެވެ. މިއަދު ސިޔާސީ ދާއިރާގައި ނުފޫޒުގަދަކޮށް ލީޑަރެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު ރައީސް ނަޝީދަށް ވަނީ ގެއްލިފައެވެ. ބަލި ގަބޫލުކޮށް ރައީސް ނަޝީދު ފެއަށްޖެހުމަށް ގިނަ ބަޔަކު ބޭނުންވާކަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއިން ސާފެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން އާންމު ރައްޔިތަކު ވަނީ ރައީސް ނަޝީދުއަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވެއްޖެނަމަ، އިދިކޮޅު ޕީޕީއެމްއާއެކު ނުވަތަ ރައީސް ޞާލިޙްއާއެކު މަސައްކަތް ކުރައްވާނަންތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެއްޖެނަމަ، ޕީޕީއެމްއާއެކު ވެސް އަދި ރައީސް ޞާލިޙްއާއެކު ވެސް މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އެ ހާލަތުގައި ދެން ހުންނަވާނީ "ގޭގައި" ކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ.
ރައީސް ނަޝީދެވެ. އިންތިޚާބުން މަނިކުފާނު ބަލިވެއްޖެއެވެ. އެމްޑީޕީގެ ރަސްމީ ވެބްސައިޓުގައި އިއުލާނުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން، ޕްރައިމަރީ ކާމިޔާބު ކުރެއްވީ މަނިކުފާނުގެ ބެސްޓް ފްރެންޑް "އިބޫ"އެވެ. ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން، ރައީސް ޞާލިޙަށް ޕްރައިމަރީގައި 24،566 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ ވޯޓުލީ މީހުންގެ 61.10 އިންސައްތައެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ 38.9 އިންސައްތައެވެ. 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއި މި އިންތިޚާބުގައި ވޯޓުލާފައިވަނީ 40،207 މީހުންނެވެ. މިއީ ހައްގު ލިބިގެންވާ މީހުންގެ 70.2 އިންސައްތައެވެ.
ރައީސް ނަޝީދެވެ. ބަލި ގަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް މި ހަގީގަތް ދެން ބަދަލު ނުކުރެވޭނެއެވެ. އެހެންވީމާ ހަމަ އަސްލުވެސް ވިދާޅުވި ގޮތަށް ދެން މަޑުކުރައްވާނީ ގޭގައިތޯއެވެ؟ މަނިކުފާނުގެ ސިޔާސީ ދަންމަރު މިހާ ހިސާބުން ނިވުނީތޯއެވެ؟ ސިޔާސީ މަސަައްކަތްޕުޅު މިހިނދުން ޚަތިމްވީތޯއެވެ؟ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ފަހަރަށް ޑެމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުވެވަޑައިގަތް ރައީސްއެވެ. ޑިމޮކްރަސީގެ ރީތި އުސޫލުތައް ނަގަހައްޓައި، ބަލި ގަބޫލު ނުކުރައްވާނަން ތޯއެވެ؟ މި ދެން ހަމަ ތިޔަ ފިކުރެއްގެ ނިމުންތޯއެވެ؟