މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންދޭ އެއްގަމު އުޅަނދުފަހަރުގެ ދުއްވުމުގެ ލައިސަންސްގެ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް، އެ ޚިދުމަތް ވަގުތީގިތުން މެދުކަނޑާލައިފިއެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީން ބުނީ، މި ޙިދުމަތްތައް މެދުކަނޑާލާފައިވަނީ، ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް، އެ ޚިދުމަތް ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެގޮތުން އަލަށް ތައްޔާރުކުރާ ސޮފްޓްވެއަރގެ ޚިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ.

ލައިސެންސްގެ ޙިދުމަތްތައް މިނިސްޓްރީން މެދުކަނޑާލާފައިވަނީ، މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.

ލައިސަންސްގެ ޚިދުމަތް ހުއްޓާލާފައިވީ ނަމަވެސް، މި މުއްދަތުގެ ތެރޭގައި މުއްދަތުހަމަވާ ލައިސަންސް ބޭނުންކޮށްގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު އުޅަނދު ދުއްވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން އަލަށް ތަޢާރަފްކުރާ ސޮފްޓްވެއަރގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތަށް ކުރެވިގެންދާނީ ޑިޖިޓަލްކޮށް ކަމަށްވާއިރު ލައިސަންސް ދޫކުރުމުގެ ޚިދުމަށް ވެސް ދެން ކުރާނީ ޑިޖިޓަލްކޮށްކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެ ސޮޕްޓްވެއަރގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށެވެ.

މީގެއިތުރުން، މި ބަދަލާ ގުޅިގެން މިހާރު ޕްރިންޓުކުރުމަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށާއި، ޑިޖިޓަލްކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރިނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓުކޮށްގެން ގެންގުޅުއްވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް ފަހިކޮށްދެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އުޅަނދު ފަހަރުގެ ފީ ލިބެންޖެހެނީ އެ އުޅަނދެއް ބޭނުންކުރާ ސިޓީއެއްގެ ސިޓީ ކައުންސިލް ނުވަތަ އެ ރަށެއްގެ ރަށު ކައުންސިލަށްކަމަށް ވުމާއެކު، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން "ސަވާރީޕޭ"ގެ ނަމުގައި މިނިސްޓްރީން ވަނީ ޕޯޓަލްއެއް ވެސް ތަޢާރަފްކޮށް ޚިދުމަތް ދޭން ފަށާފައެވެ.

މި ސިސްޓަމް ތައްޔާރު ކޮށްފައިވަނީ އުޅަނދުގެ އަހަރީ ފީ ދެއްކުމާއެކު، ވަގުތުން އެ އުޅަނދެއް ދުއްވާރަށެއްގެ ކައުންސިލަށް ފައިސާ ލިބެމުންދާ ގޮތަށެވެ.

މިހާރު ތައްޔާރު ކުރަމުންގެންދާ ސޮފްޓްވެއަރގައި މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ހިމެނިފައި ވާއިރު، މިހާރު ޚިދުމަތް ދިނުމުގައި ބޭނުންކުރާ 7 ސޮފްޓްވެއަރ، އެއް ސޮފްޓްވެއަރ އަކަށް ބަދަލު ކުރެވި ޚިދުމަތްތައް ޒަމާނީ ކުރެވިގެންދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.