ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖެހުމަށްޓަކައި، އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ އިސްރާއީލު މީހުންގެ އަތަށް ހަތިޔާރުދިނުމުގެ ހުއްދަދޭން، އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމައިފިއެވެ.

ނަތަންޔާހޫ މިއަދު ބުނެފައިވަނީ، އާންމުން ހަތިޔާރު ގެންގުޅުމާމެދު އޮންނަ އުސޫލު އިތުރަށް ފަސޭހަކުރަން އޭނާ ނިންމާފައިވާ ކަމަށެވެ.

ހަމަ އެއާއެކު، ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަދާފައިވާ ޔާހޫދީ އާބާދީތަކުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާނޭ ކަމަށް، ނަތަންޔާހޫގެ އޮފީހުން މިއަދު ވައުދުވެފައި ވެއެވެ.

ޔަހޫދީ ވަޒަންވެރިންގެ އަތަށް ހަތިޔާރު ދިނުމާއި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމާ ގުޅޭގޮތުން ނަތަންޔާހޫގެ އޮފީހުން ބަޔާންތަކެއް މި ނެރުނީ، ބަޑިޖެހުމުގެ ދެ ހާދިސާއެއް ހިނގުމާ ގުޅިގެން ބޭއްވި ސަލާމަތީ ކެބިނެޓްގެ ބައްދަލުވުމަށް ފަހުގައެވެ.

މީގެތެރެއިން އެއް ހާދިސާގައި، އިރުމަތީ ގުދުސްގައި ހުރި ޔަހޫދީ ފައްޅިއެއްގެތެރެއަށް ފަލަސްތީނު ޒުވާނަކު ބަޑިޖެހުމުގެ ސަބަބުން އިސްރާއީލުގެ ހަތްމީހުން މަރުވިއެވެ.

އިސްރާއީލު މީހުންގެ ގަޔަށް ފަލަސްތީނު މީހަކު ބަޑިޖެހިއިރު، އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިއަހަރު ފެށުނުފަހުން ހުއްޓާނުލާ، ކޮންމެ ދުވަހަކު ހުޅަނގު އައްސޭރީގެ އަވަށްތަކަށް އަރައިގަނެ، މީހުން ޝަހީދުކޮށް، ގެދޮރުތަޅައި ސުންނާފަތިކޮށް ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގަމުން ގެންގޮސްފައި ވެއެވެ.

މިމަހުގެ ފަހުކޮޅު، ހުޅަނގު އައްސޭރީގެ ޖެނީން ސިޓީން އެކަނިވެސް ފަލަސްތީނުގެ 9 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

މިހިނގާ 2023 ވަނަ އަހަރު ފެށުނުފަހުން އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހިންގި ޖަރީމާތަކުގައި މިހާތަނަށް، ހުޅަނގު އައްސޭރިއާއި، އިރުމަތީ ގުދުސްގެ ރަށްތަކުން ފަލަސްތީނުގެ 32 މީހުން ޝަހީދުކޮށްލާފައި ވެއެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ރެއާއި ދުވާލު ލާއިންސާނީ ޖަރީމާތައް ހިންގަމުން ގެންދާއިރު، ޣައިރުގާނޫނީ ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން ގޭންގްތައް ހަދައިގެން ރަށުތެރެއަށް ނުކުމެ، ފަލަސްތީނު މީހުން މަރައި، ގެދޮރާއި، އިމާރާތްތަކަށް ގެއްލުންދީ، ވެހިކަލްތަކުގައި ހުޅުޖަހަމުން އެބަގެންދެއެވެ.

ހުޅަނގު އައްސޭރީގެ ނާބުލުސްގައި، ރޭގައި އެކަނިވެސް މިފަދަ 144 ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ.

ޔަހޫދީ ވަޒަންވެރިން ފަލަސްތީނު މީހުން މަރައި، މުދަލާއި ގެދޮރަށް ގެއްލުންދެމުން ގެންދަނީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ ފުރިހަމަ ހިމާޔަތުގައި ތިބެގެންނެވެ.

އިސްރާއީލުގެ ވެރިކަމާ މިދިޔަމަހު ހަވާލުވި ނަތަންޔާހޫގެ ކޯލިޝަން ސަރުކާރަކީ، އިސްރާއީލުގެ ވެރިކަމަށް މިހާތަނަށް އައި، ދުރު ކަނާތުފިޔައިގެ އެންމެ ހަރުކަސި ސަރުކާރެވެ. މިސަރުކާރު ވެރިކަމަށް އައުމާއެކު ފަލަސްތީނު ރައްޔިތުންނަށް އިތުރު ނުރައްކާތައް ކުރިމަތިވާނެކަން ކުރިންވެސް އޮތީ ލަފާކުރެވިފައެވެ.

ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރަކީ ފަލަސްތީނު ރައްޔިތުން މަރަންގޮވާ މީހެކެވެ. ފައިނޭންސް މިނިސްޓަރަކަށް ހުރި މީހާ ދެކެނީ، ފަލަސްތީނު ރައްޔިތުންނަނީ ވަގުތީގޮތުން އުޅޭ ބައެއްކަމަށް ގަބޫލުކުރާ މީހެކެވެ.

ނަތަންޔަހޫ ވައުދުވެފައިވަނީ، އޭނާ ވެރިކަމަށް އައިސް، ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހެދުން އިތުރަށް ފުޅާކުރާނެ ކަމަށެވެ. އެކަމުގެ ޕްލޭންތައް އޭނާ މިހާރުވެސް ވަނީ އިއުލާންކޮށްފައެވެ.