ޕާކިސްތާނުގެ ޕިޝާވަރުގެ މިސްކިތަކަށް މީހަކު ޖާނުގޮއްވާލައިގެން ދިން ބޮމުގެ ހަމަލާތަކެއްގައި މަދުވެގެން 32 މީހުން މަރުވެއްޖެއެވެ.

ހޮސްޕިޓަލް އޮފިޝަލުން ވިދާޅުވަނީ، މިހަމަލާތަކުގައި 147 މީހުން ޒަޚަމްވެގެން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި، އޭގެތެރެއިން އެތައްބައެއްގެ ހާލު ސީރިއަސް ކަމަށެވެ.

މިސްކިތުގައި ބޮން ގޮއްވާލި ވަގުތަކީ މެންދުރު ނަމާދަށް މީހުން ތިބި ވަގުތެވެ. ގާތްގަނޑަކަށް 260 މީހުން އެވަގުތު މިސްކިތުގައި ތިބި ކަމަށް ވެއެވެ.

ބޮންތައް ގޮއްވާލުމުގެ ސަބަބުން މިސްކިތުގެ ފުރާޅުން ބައެއް ވެއްޓިފައިވަނީ ނަމާދަށް ތިބި މީހުންގެ ބޮލަށެވެ. އަދި މިސްކިތުގެ ބައެއް ފާރުތައްވެސް ވަނީ ވެއްޓިފައެވެ.

ވެއްޓުނު ފުރާޅުގެ ދަށުން ބައެއްމީހުން އަމިއްލައަށް ސަލާމަތް ވެފައިވާއިރު، ފުރާޅާއި، ވެއްޓުނު ފާރުތަކުގެ ގާތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ފުލުހުންނާއި، އާންމުން ވެއްޓިފައިވާ ބައިތައް ދުރުކޮށް ޒަޚަމްވެފައިވާ މީހުން ކޮނޑަށް ލައިގެން އުފުލާ މަންޒަރު ފެންނަ ވީޑިއޯތައް ޕީޓީވީން ދުރަށް ދައްކަމުން ގެންދެއެވެ.

ބޮންތައް ގޮއްވާލި މިސްކިތް ހުންނަނީ ފުލުހުންގެ ހައުސިންގ ބްލޮކަކާ ޖެހިގެންނެވެ. މިއީ ޕިޝާވަރުގައި ސަލާމަތީ ފިޔަވަޅު އެންމެ ވަރުގަދަކޮށްފައިވާ ރެޑްޒޯނެވެ. ޕިޝާވަރު ފުލުހުންގެ މައި ހެޑްކުއާޓަރާއި، ޖާސޫސީ މައި އިދާރާއާއި، ކައުންޓަރ-ޓެރަރިޒަމް ބިއުރޯގެ އޮފީހާއި، ޕިޝާވަރުގެ ސަރަހައްދީ އިދާރީ އޮފީސްވެސް ހުންނަނީ މި ސަރަހައްދުގައެވެ.

އެހެންކަމުން، މިއީ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށް އޮފިޝަލުން ތުހުމަތު ކުރެއެވެ.

އަދި މިހަމަލާތައް ދީފައިވަނީ، އިސްލާމީ ހަރުކަށި ފިކުރުގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ކަމަށްވެސް ތުހުމަތުތައް ކޮށްފައި ވެއެވެ. ނަމަވެސް އެއްވެސް ބަޔަކު މިކަމުގެ ޒިންމާ އަދި އުފުލާފައެއް ނުވެއެވެ.

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރ ޚަވާޖާ އާސިފް، ޖިއޯ ޓީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ބޮން ގޮއްވާލި ޓެރަރިސްޓު ހުރީ، މިސްކިތުގެ ޖަމާއަތުގެ ފުރަތަމަ ސަފުގައި ކަމަށެވެ.

މިހަމަލާދިން ސަލާމަތްވި ފުލުހުންގެ އޮފިސަރަކު ބުނެފައިވަނީ، ބޮން ގޮއްވާލާފައިވަނީ އިމާމް މީހާ ނަމާދު ފެށުމާއެކުގައި ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވަނީ މި ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި މިކަމުގެ ފަހަތުގައިވާ ބަޔަކު ހޯދައި ހަރުކަށި އަބަދު ދެއްވާނޭ ކަމަށްވެސް ވައުދުވެވަޑައި ގެންފައި ވެއެވެ.