• ބޮމުގެ ހަމަލާގައި 221 މީހުންވަނީ ޒަޚަމްވެފައި

ޕާކިސްތާނުގެ ޕިޝާވަރުގެ މިސްކިތަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 95 އަށް އަރައިފިއެވެ.

ޕްރޮވިންޝަލް ޗީފް މިނިސްޓަރ މުހަންމަދު އަޒަމް ޚާން ވިދާޅުވީ، މިހާތަނަށް 95 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

ވެއްޓިފައިވާ ފުރާޅާއި، ފާރުތަކުގެ ދަށުގައި ދިރިހުރި މީހަކު ވޭތޯ ބެލުމަށް މީހުން ސަލާމަތްކުރާ ޓީމުތަކުން ގެންދަނީ، ހިތުގެވިންދު ދެނެގަންނަ އާލާތްތައް ބޭނުންކުރަމުންނެވެ.

މިހާދިސާގައި ޒަޚަމްވި މީހުންގެ 221 އަށް އަރާފައިވާ ކަމަށް ޕްރޮވިންޝަލް ޗީފް މިނިސްޓަރ މުހަންމަދު އަޒަމް ޚާން ވިދާޅުވިއެވެ.

އިއްޔެގެ މެންދުރު ނަމާދަށް މިސްކިތަށާއި، މިސްކިތުގެ ވަށައިގެންވާ ސަރަހައްދުގައި އެތައް ސަތޭކަ ބަޔަކު ޖަމާވެފައި ތިއްބައި ބޮމުގެ ހަމަލާދިނީ މީހަކު ޖާނުގޮއްވާލައިގެންނެވެ.

ޕިޝާވަރު ފުލުހުންގެ ވެރިޔާ މުހަންމަދު އިޖާޒް ޚާން ވިދާޅުވީ، މިއީ، ސީދާ ފުލުހުންނަށް އަމާޒުކޮށްދިން ހަމަލާއެއް ކަމަށެވެ.

ހަމަލާދިން ވަގުތު މިސްކިތަށާއި، މިސްކިތުގެ ވަށައިގެންވާ ސަރަހައްދުގައި 300 އާއި 400 އާ ދެމެދު އަދަދަކަށް ފުލުހުން ނަމާދަށް ޖަމާވެފައި ތިބި ކަމަށް ވެއެވެ. އެހެންވެ، ހަމަލާގައި ގިނައިން މަރުވީވެސް ފުލުހުންނެވެ.

ބޮން ގޮއްވާލި މިސްކިތް ހުންނަނީ ފުލުހުން ދިރިއުޅޭ ފްލެޓްތަކާ ގާތުގައެވެ.

ބޮން ގޮއްވާލިމީހާ ނަމާދަށް އެރީ މިސްކިތުގެ ފުރަތަމަ ސަފަށް ކަމަށާއި، އޭނާ މިސްކިތަށް އެރީ 10 ނުވަތަ 12 ކިލޯގެ ގޮވާތަކެތި ލައިގެންހުރި ހެދުމުގެ ތެރޭގައި ފޮރުވައިގެން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ބޮންތައް ގޮވާލުމުގެ ސަބަބުން މިސްކިތުގެ ފުރާޅުން ބައެއް، ނަމާދަށް ތިބި މީހުންގެ ބޮލަށް ވެއްޓި، އަދި މިސްކިތުގެ ބައެއް ފާރުތައްވެސް ވެއްޓުނެވެ.

ފުލުހުންގެ ވެރިޔާ މުހަންމަދު އިޖާޒް ޚާން ވިދާޅުވީ، މިއީ، ޕިޝާވަރުގައި ހަރަކާތްތެރިވާ ހަޔިތާރުއެޅި ހަރުކަށި ހަނގުރާމަވެރިންނާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނާ ގުޅިގެން، ފުލުހުންގެ ހިތްމަރައި، ނާއުންމީދުކޮށްލުމަށް ދިން ހަމަލާއެއް ކަމަށެވެ.

އެކަމަކު، ފުލުހުންގެ މައި ހެޑްކުއާޓަރާއި، ޖާސޫސީ މައި އިދާރާއާއި، ކައުންޓަރ-ޓެރަރިޒަމް ބިއުރޯގެ އޮފީހާއި، ޕިޝާވަރުގެ ސަރަހައްދީ އިދާރީ އޮފީސްވެސް ހުންނަ އަދި ޕިޝާވަރުގައި ސަލާމަތީ ފިޔަވަޅު އެންމެ ވަރުގަދަކޮށްފައިވާ ރެޑްޒޯން ތެރޭގައި ހުރި މިސްކިތަކަށް ހަމަލާދިނުމަށް ހަނގުރާމަވެރިޔަކަށް ވަދެވުނު ގޮތާމެދު ވަނީ އެތައް ސުވާލުތަކެއް އުފެދިފައެވެ. ކަމާބެހޭ އިދާރާތަކުން އެކަން މިހާރު ގެންދަނީ ތަހްގީގު ކުރަމުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ، ޓެރަރިސްޓުންގެ ބޭނުމަކީ، ޕާކިސްތާނުގެ ދިފާއުކުރުމުގެ ޒިންމާއާއި ހަވާލުވެފައިވާ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުން ކަމަށެވެ.