އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ވެރިކަމުގެ ތިންވަނަ ދައުރަކަށް އަމާޒު ހިފައި، މަސައްކަތް ފަށްޓަވައިފިއެވެ.

އިންޑިއާގެ އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓަރ ނިރްމަލާ ސިތާރަމަން މާދަމާ ޕާލަމެންޓަށް ހުށަހަޅުއްވާ ބަޖެޓުގެ އަމާޒަކީ އިންތިޚާބު ކަމަށް، މަސްރަހް ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.

އޭޕްރީލްމަހު ފެށޭ މާލީ އައު އަހަރުގެ ބަޖެޓް މާދަމާ ހުށަޅާއިރު، މަގުތަކާއި، ރޭލްވޭތަކާއި ހައުސިންފަދަ އިންފްރާސްޓްރަކްޗަރއަށް ބޮޑެތި ހޭދަތަކެއް ކުރުމަށް ބަޖެޓްގައި ހިމެނޭނެ ކަމަށް އިކޮނޮމިސްޓުން ލަފާކުރެއެވެ.

މީގެ މައިގަނޑު އެއް ބޭނުމަކީ، ވަޒީފާންތެ މީހުންގެ ނިސްބަތް އިތުރުވާތީ، އިތުރު ވަޒީފާތައް އުފެއްދުމަށް މަގުފަހި ކުރުމެވެ.

އަނެއްކޮޅުން، އިންފެލޭޝަން މަތިވެ، ޕެޓްރޯލާއި، ކައްކާ ގޭހާއި، ތަކެތީގެ އަގުތައް އުފުލި، ރައްޔިތުން ތަހައްމަލްކުރަމުންދާ ވޭނަށް، ބަޖެޓުން ތަސައްލީއެއް ލިބޭނޭ ކަމަށް އާންމުންވެސް ގެންދަނީ އުންމީދު ކުރަމުންނެވެ.

އިންފްލޭޝަން އަދިވެސް މަތިވަމުންދާއިރު، އެކަމުގެ ކަންބޮޑުވުން މުޅި އިންޑިއާގައި އުފެދިފައި ވެއެވެ. އިންޓަރެސްޓް ރޭޓު އަދިވެސް ދަނީ މަތިވަމުންނެވެ.

ކޮވިޑްގެ ހާލަތަށްފަހު، އިގްތިސާދު އަލުން ހުޅުވުނު ނަމަވެސް، ކުދި ވިޔަފާރިތަކަށް އަދިވެސް ހިންދެމިނުލެވެއެވެ.

ކޮވިޑްގެ ބަލިމަޑު ހާލަތުގައި އިންޑިއާ ސަރުކާރުންވަނީ ފަގީރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި، ވެކްސިނާއި، ކުދި ވިޔަފާރިތަކަށް ލޯނު ޑިސްކައުންޓް ދިނުމަށް އެތައް ބިލިއަން ޑޮލަރެއް ހޭދަކޮށްފައެވެ. ނަތީޖާއެއްގެގޮތުން އިންޑިއާގެ ފިސްކަލް ޑެފިސިޓް ރެކޯޑް މިންވަރަކަށް މަތިވެގެންދިޔައެވެ.

ހިނގަމުންދާ މާލީ އަހަރުގެ ބަޖެޓްގައި ފިސްކަލް ޑެފިސިޓްގެގޮގައި ހިމަނާފައިވަނީ 6.4 އިންސައްތައެވެ. ސަރުކާރުގެ އަމާޒަކީ، ކުރިއަށްއޮތް މާލީ އަހަރު އެ އަދަދު 4.5 އިންސައްތައަށް ކުޑަކުރުމަށެވެ.

މިކަން ކުރުމަށްޓަކައި، ޓެކްސް ބޮޑުކޮށް، ސަބްސިޑީޒްތައް ކުޑަކުރަން ސަރުކާރަށް މަޖުބޫރުވާނެއެވެ.

ޓެކްސްއާއި، ސަބްސިޑީޒް ކުޑަކުރުމަކީ، ކުރިއަށްއޮތް އާންމު އިންތިޚާބުގައި ރައްޔިތުންގެ ވޯޓު، މޯދީއަށް އިތުރުވެދާނެ ކަމެކެވެ.

އެހެން ނަމަވެސް، އިންޑިއާގެ އިގްތިސާދުގެ ކުރިއެރުން ދަނީ މަޑުޖެހެމުންނެވެ. އިންޑިއާގެ އިގްތިސާދު މިއަހަރު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ކުރިން ލަފާކުރި އިންސައްތަ މިހާރުވަނީ 8.7 އިން 6.9 އިންސައްތައަށް ދަށްކޮށްފައެވެ.

ބަޖެޓުގެ ތެރެއިން ރައްޔިތުންގެ ތާއީދާއި ރުހުން ހޯދުމަށް މޯދީގެ ސަރުކާރުން އަޅާނެ ފިޔަވަޅުތަކެއް އެނގޭނީ މާދަމާ ބަޖެޓް ހުށަހެޅުމުންނެވެ.