މެދުއިރުމައްޗަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިކެން، ރާމަﷲ ގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލު ކުރައްވައިފިއެވެ.
އެންތަނީ ބްލިންކެންއާއެކު ބޭއްވި މަޝްވަރާތަކުގައި ފަލަސްތީނުގެ ރައީސްވަނީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި މިހާރު ހިނގަމުންދާ ކުރިމަތިލުންތަކާއި، ހަމަނުޖެހުންތަކުގެ ފުރިހަމަ ޒިންމާ، އިސްރާއީލުގެ ސަރުކާރުން އުފުލަންޖެހޭނޭ ކަމަށް ވިދާޅުވެފައެވެ.
ފަލަސްތީނުގެ ރަށްތަކުގައި އިސްރާއީލުން ހިންގަމުންގެންދާ އުދުވާނުތަކުގެ ސަބަބުން، ދެދައުލަތުގެ ހައްލަށް އޮތް ފުރުސަތަށް ހިޔަނިއެޅި، އިސްރާއީލާއި ފަލަސްތީނާ ދެމެދު ވެފައިވާ އެއްބަސްވުންތައް ބޭކާރުވަމުންދާ ކަމަށް އައްބާސް ވިދާޅުވިއެވެ.
އިސްރާއީލުގެ އިސްތިއުމާރު ހުއްޓުވުމާއި، ޣައިރުގާނޫނީ ޔަހޫދީ އާބާދީތައް ހެދުން ހުއްޓުވުމުގައި ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، މަހްމޫދު އައްބާސްވަނީ އެކަމުގެ ޒިންމާ ބައިނަލްއަގްވާމީ މުޖުތަމައުގެ ބޮލުގައި އަޅުވާފައެވެ.
މަހްމޫދު އައްބާސް ވިދާޅުވީ، އިސްރާއީލުގެ އިސްތިއުމާރީ ސަރުކާރުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް އިތުރުކޮށް، ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް އަމަލުތައް ހިންގަމުން ގެންދަނީ، ފަލަސްތީނު ރައްޔިތުން އެމީހުން ނަސްލާއި ބިން ދިފާއުކޮށް، ހައްގުތައް ހޯދައި، ފަލަސްތީނު ރައްޔިތުންގެ ރައްކާތެރިކަމަށް ބައިނަލްއަގްވާމީގޮތުން މަސައްކަތްކުރާތީ ކަމަށެވެ.
އިސްރާއީލުގެ ސަރުކާރުން ގެންދަނީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ޚިލާފަށް އާބާދީތައް ހަދައި، އިތުރު ބިންތަކަށް ވެރިވެގަންނަމުން ކަމަށާއި، ޔަހޫދީ ވަޒަންވެރިން ގެންދަނީ ފަލަސްތީނުގެ ރަށްތަކުގައި މީހުން މަރައި، ތަންތަނުގައި ހުޅުޖަހައި، ގެދޮރު ތަޅައި ސުންނާފަތިކޮށް، ފަލަސްތީނު މީހުން ގަދަކަމުން ގެދޮރުނެރެ ބިރުވެރިކަން އުފައްދަމުން ކަމަށްވެސް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވިއެވެ.
ހަމަ އެއާއެކު، އަގްސާ މިސްކިތާއި، ގުދުސްގެ މައްޗަށް ވެރިވެގަތުމަށް އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތައް، މަހްމޫދު އައްބާސް ފާހަގަ ކުރެއްވިއެވެ.
ގުދުސްގެ މައްޗަށް ވެރިވެގަތުމުގެ ފުރުސަތު އިސްރާއީލަށް ނުދެއްވާނޭ ކަމަށްވެސް ފަލަސްތީނުގެ ރައީސް ވިދާޅުވިއެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި، އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހަމަލާދީ ފަލަސްތީނުގެ އެތައްބަޔަކު ޝަހީދުވެފައިވާތީ، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންވަނީ، ޝަހީދުވި މީހުންގެ އާއިލާތަށް ތައުޒިޔާ ވިދާޅުވެފައެވެ.
ދެދައުލަތުގެ ހައްލަށް އޮތް ފުރުސަތު ގެއްލޭގޮތަށް ދެފަރާތުންވެސް އެއްވެސް ކަމެއް ކުރުމަކީ އެމެރިކާ ސަރުކާރުން ދެކޮޅު ކަމެއް ކަމަށް ބްލިންކެން ވިދާޅުވިއެވެ.
މި ޖެނުއަރީ މަސް ވެގެންދިޔައީ، 2015 ވަނަ އަހަރުގެ ފަހުން، އިސްރާއީލުން ފަލަސްތީނުގައި އެންމެގިނަ ލޭއހޮރުވުންތައް ހިންގި މަހަށެވެ. ޖެނުއަރީމަސް ފެށުނުފަހުން މިހާތަނަށް ފަލަސްތީނުގެ 35 މީހުން ޝަހީދު ކޮށްލާފައި ވާއިރު، ޖެނީން ރެފިއުޖީ ކޭމްޕުން އެކަނިވެސް އެއްދުވަހެއްގައި 9 މީހުން ޝަހީދުކޮށްލާފައި ވެއެވެ.