ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންބޮޑު އުނދަގޫ ހާލަތްތަކުގައި އިންޑިއާވެފައި ވަނީ، ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އެއް ރަޙުމަތްތެރިޔާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ދަރުބާރުގޭގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މުނާޞަބަތުގައި، ރައީސް ވަނީ އިންޑިއާގެ ރައީސާ ދްރައުޕަތީ މުރުމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާގެ ރައްޔިތުންނަށް، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގަޔާއި، ދިވެހި ރައްޔިތުންގެ ނަމުގައި ދުވަހުގެ ހެޔޮއެދުންތަކާއި ތަޙްނިޔާ ފޮނުއްވާފައެވެ.

މިޙަފްލާގައި ވާހަކަފުޅުދައްކަމުން ރައީސް ވަނީ، ރާއްޖެއާއި އިންޑިއާ އާދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ފޯރުކޮށް ދެމުންގެންދާ އެހީތަކަށާއި، ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރި މައްސައްކަތްތަކުގައި އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތައް ފާހަގަކުރައްވާފައެވެ.

އަދި އިންޑިއާގެ ޖުމްހޫރީ ޙަޔާތުން މިފެށުނު އައު އަހަރުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އިންޑިއާގެ ޤާނޫނުއަސާސީން ވަނީ އެ ޤައުމުގެ ސިޔާދަތާއި، ހުރިހާ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީފައިކަމަށާއި އިންޑިއާގެ ކާމިޔާބީގައި އެޤައުމުގެ ޤާނޫނު އަސާސީ މުހިއްމު ދައުރެއް އަދާކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އިންޑިއާއަކީ އެޤައުމުގެ ދުސްތޫރީވެރިކަން ވަރަށް ރަނގަޅަށް ދަމަހައްޓަމުން އަންނަ ގައުމެއް. އިންޑިއާގެ ޤާނޫނު އަސާސީން ވަނީ އެގައުމުގެ ސިޔާދަތު ކަށަވަރުކޮށްދީފަ. އަދި އެގައުމުގެ ރަށްޔިތުންގެ މެދުގައިވާ ތަފާތުތަކާއި އެކުގައި ވެސް، ގައުމުގެ އެއްބައިވަންތަކަން ކަށަވަރުކޮށްދީ، ހުރިހާ ރަށްޔިތުންހެ ހައްގުތައް އެ ގާނޫނު އަސާސީން ހިމާޔަތްކޮށްދޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

މީގެއިތުރުން، ރައީސް ވިދާޅުވީ، އިންޑިޔާގެ އެންމެހައި ކަންކޮޅުތަކެއްގައި، ޢަދުލުވެރި އަދި ޝާމިލު ތަރައްޤީ ފެތުރުމުގެ ބާރު ލިބިދެނީވެސް އިންޑިއާގެ ޤާނޫނުއަސާސީންނާއި، އިންޑިއާގެ ވެރިންގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި ޤައުމީ ތަރައްޤީއަށް ބުރުލެއް ނާރުވައި، ތަފާތު މުޖުތަމައުތައް އެއްބައިކޮށް، މުޖުތަމަޢުގައި ނަމޫނާ ހަމަކަމެއް ޤާއިމުކުރުމަށް މަސައްކަތްކުރެވިދާނެކަން، އިންޑިއާއިން މިހާރުވެސް އަންނަނީ ދުނިޔެއަށް ދައްކައިދެމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިޞާދަށް ވުމަށް އިންޑިއާ އަމާޒު ހިފާފައިވާއިރު، އިގްތިޞާދީގޮތުން އިންޑިއާ ހާސިލްކޮށްފައިވާ ކާމިޔާބީތަކަށް މުޅި ދުނިޔެ އަންނަނީ ތަރުހީބުދެމުން. ހަމަ އެފަދައިން އެއްބައިވަންތަކަން ކުރިއެރުވުމުގައި އިންޑިއާއިން ގެންގުޅޭ އުސޫލުތަކުން އަޅުގަނޑުމެންނަށް ވެސް ވަރަށް ބޮޑު ހިއްވަރެއް ލިބޭ. އިންޑިއާއިން އެ ނަމޫނާ ދައްކަނީ ހަމައެކަނި އެ ގައުމަކު ނޫން. ބައިނަލްއަގުވާމީ އެކި އެކި މައިދާންތަކުގައި ވެސް އިންޑިއާއިން އަންނަނީ ނަމޫނާ ދައްކަމުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

އިންޑިއާގެ 74 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި، ދައުލަތުގެ ޢިއްޒަތްތެރިންނާއި، ކެބިނެޓްގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.