ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހަރުކަށި ފިކުރާ ދެކޮޅަށް އއ. ހިމަންދޫގައި އޮޕަރޭޝަނެއް ހިންގިއެވެ. އެއީ 2007 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހެވެ. މިރަށުގައި ހިންގި އެ އޮޕަރޭޝަނަކީ 29 ސެޕްޓެމްބަރު 2007 ވަނަ ދުވަހު ސަލްޓަން ޕާކުގައި ބޮމެއް ގޮއްވާލައިގެން ދީފައިވާ ނިރުބަވެރި ހަމަލާއާވެސް ގުޅުން ހުރި އޮޕަރޭޝަނެކެވެ. ހިމަންދޫގައި ސަލާމަތީ ބާރުތަކުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 63 މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
މި ރަށަށް ފުލުހުންނާއި ސިފައިން އަރައި ހިންގި އޮޕަރޭޝަނަކީ ދައުލަތް ގަބޫލުނުކުރުމާއި، ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި، ކޯޓުން ބޭރުގައި ކުޑަކުދިންނާއި ކައިވެނި ކުރުމާއި، ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކަށް އިހުތިރާމުނުކުރާ ބަޔަކު ހިމަންދޫން ފާހަގަވާން ފެށުމުން ހިންގި އޮޕަރޭޝަނެކެވެ. ޖުމުލަ ގޮތަކަށް ދަންނަވާ ނަމަ ހަރުކަށި ފިކުރު ނުވަތަ ދީނީ ހައްދުފަހަނައެޅުމުގެ ހުރިހާ ސިފައެއް، ކުލަވަރެއް އޭރު ހިމަންދޫން ދިޔައީ ފެންނަމުންނެވެ.
ހިމަންދޫގައި ހަރުކަށި ފިކުރު ފެތުރީ ހައްދުފަހަނާޅާފައިވާ ފިކުރު ރާއްޖޭގައި ފަތުރަމުންދާ މައްސަލާގައި ހައްޔަރުކުރި އަބްދުﷲ އަލިމަނިކުއެވެ.
މިއީ އަރިއަތޮޅު އުތުރުބުރީގެ އެންމެ ދެކުނަށް މީހުން ދިރިއުޅޭ ހިމަންދޫ މާޒީގެ ކަޅު ޞަފްޙާތަކުގައި ލިޔެވިފައި ހުރި ވާހަކަތަކުގެ ކުރު ޚުލާސާއެެވެ. އެދުވަސް މާޒީވެއްޖެއެވެ. އެއީ މީގެ 15 އަހަރު ކުރިއެވެ. މިއަދު އެ ހިމަންދޫ ފެންނާކަށް ނެތެވެ. މިހާރު ފެންނަނީ މުޅިން އެހެން ހިމަންދޫއެކެވެ. އެހެންވީމާ، ދެން އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްތާއެވެ. މާޒީ މާޒީގެ ގޮތުގައި ދޫކޮށްލަމާހެވެ. އަދި އަދުގެ ހާލަތަށް ނަޒަރު ހިންގާލަމާހެވެ.
ހިމަންދޫން މިހާރު ފެންނަނީ އެކުވެރި އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ މަންޒަރެވެ. އެރަށުގައި މިހާރު ކޮންމެ ކަމެއްވެސް ކުރަނީ އިޖުތިމާއީ އަދާލަތުގެ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވަކި ޖަމާއަތް ހަދައިގެނެއް ނޫޅެއެވެ. ގަމަތަށް އިޖާބަދީ މިސްކިތަށްދާ އެންމެންވެސް ނަމާދުކުރަނީ އިމާމް މީހާގެ ފަހަތުގައެވެ. މިއަދު ރަށުގެ އެންމެންވެސް ދިވެހި ދައުލަތް ގަބޫލުކުރެއެވެ. އެކަކު އަނެކަކަށް އިހުތިރާމުކުރެއެވެ. ފިކުރީ އަދި ނަސްލީ ތަފާތުކުރުމެއް ނެތެވެ. ވަކި މިންތިއަކަށް ވީތީ ހައްގުތައް ހަނިކުރުމެއް ނެތެވެ. އިޖުތިމާއީ ގުޅުން ވަރުގަދައެވެ. ކުޅިވަރާއި މުނިފޫހިފިލުވުން އޮވެއެވެ.
ޖުމުލަ ގޮތެއްގައި ހިމަންދުއަކީ ވަރަށް ހިތްހެޔޮ އެކުވެރި އަހުލާގު ރަނގަޅު ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ވާހަކަދެއްކުމުގައި އަދަބުވެރިއެވެ. ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންގެ ދިރިއުޅުމާއި މާ ބޮޑު ތަފާތެއް ނެތެވެ. ފުރިހަމަ މެހެމާންދާރީ އަދާކުރުމުގެ ރިވެތި މިސާލެކެވެ. ކެއުންތައް މީރެވެ. ތަރައްގީގެ ކުލަވަރު ފެނެއެވެ. ފަތުރުވެރިކަން އަންނަނީ ފައްކާވަމުންނެވެ. ދިރާސާކުރާ މީހަކަށް ޝައުގުވެރި އާޘާރުތައް އެބަ ހުއްޓެވެ. ރަށްވެހީން ދީނީ ކަންކަމަށް ފަރުވާތެރިއެވެ. ހަރުކަށިކަމެއް، ބޮޑާކަމެއް، ކިބުރުވެރިކަމެއް ދިމާވި އެއްވެސް މީހެއްގެ ކިބައިން ފާހަގަ ނުވިއެވެ. ހަމަ ހަގީގަތުގައި ވެސް ދެ ވަނަ ފަހަރަށް އަންނަ ވަރު ރަށެކެވެ. މިވާހަކަ ހަމަ މިގޮތަށް ބުނާނެ އެތައް ބަޔަކު ތިބޭނެ ކަމަށް ޝައްކެތް ނުކުރަމުއެވެ.
ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާއިލް "ވީނިއުސް" އަށް ވިދާޅުވީ، މިއަދު މިރަަށަށް އަރާ ކޮންމެ މެހެމާނަކަށްވެސް ފެންނާނީ މުޅިން އައު ހިމަންދޫއެއް ކަމަށެވެ. ހަރުކަށި ފިކުރުގެ މޫތައް ލުހެލައި، މިއަދު އެރަށުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ހައްގާއި ބާތިލު، ހެވާއި ނުބައި އެނގިގެން ކަމަށެވެ. ހުޝާމް ފާހަގަކުރެއްވި ގޮތުގައި ހިމަންދޫ ރައްޔިތުންގެ ފުރިހަމަ މެހެމާންދާރީއަކީ މިރަށަށް އަންނަ ކޮންމެ މީހަކުވެސް ފާހަގަކުރާ ކަމެއް ކަމަށެވެ. މިރަށުގައި ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވަމުން އެބައާދެއެވެ. ކައުންސިލްގެ ރައީސްވެސް އެކަން ފާހަގަކުރެއްވިއެވެ.
މިރަށުގެ ގިނަ ރައްޔިތުންނަކީ މަސްވެރިކަން ކުރާ މީހުންނެވެ. ގުދުރަތީ ގޮތުން މިރަށް ކައިރީގައި "ހިމަންދޫ ތިލަ" ކިޔާ ވަރަށް މަޝްހޫރު ޑައިވިންގ ޕޮއިންޓެއް އޮވެއެވެ. ރަށުގައި އާޘާރީ ތަނެއްގެ ގޮތުގައި 300 އަހަރަށްވުރެ ގިނަ ދުވަސްވީ ހުކުރު މިސްކިތެއް ހުރެއެވެ. މިހުރިހާ ކަމެއްވެސް މިރަށުގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމާ ވަރަށް ބޮޑަށް ވަނީ ގުޅިފައެވެ. މިއަދު ހިމަންދޫއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށެކެވެ. ގުދުރަތީ ގޮތުން މުއްސަނދި މިރަށަކީ ހަމަ ކޮންމެ މީހަކަށްވެސް ލޯތްބާއެކު މަރުހަބާ ކިޔާނެ ރަށެއް ކަމަށް ހިމަންދޫގެ ރަށްވެހިން ޔަގީންކަމާއެކު ބުނެއެވެ.
ހީވެސް ނުކުރާ ފަދަ، މުޅިން ތަފާތު ތަޖުރިބާއަކަށް، ހިތްހެޔޮ ބަޔަކު ދިރިއުޅޭ، ނަލަނަލަ ހިމަންދޫއަށް އަޅެ ޒިޔާރަތްކޮށްލަބާށެވެ.