ކީރިތި ޤުރުއާނުގެ ކޮޕީތައް އަންދަން ހުއްދަދޭހާ ހިނދަކު، ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން، ނޭޓޯގެ މެމްބަރަކަށް ވުމުގެ ފުރުސަތު ސްވިޑަންއަށް ނުދެއްވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންނާ މުޚާތަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ތުރުކީގެ ރައީސް ވިދާޅުވީ، ސްވިޑަންއިން ނޭޓޯގެ މެމްބަރަކަށް ވުމުގެ ޚިޔާލުވެސް ނުކުރުމަށެވެ.

"އަޅުގަނޑުމެންގެ މާތްވެގެންވާ ފޮތް، ކީރިތި ޤުރުއާން ވީދައި، އަންދަނީ ކަލޭމެންގެ ސަލާމަތީ ބާރުތައްވެސް ތިބެގެން. އެހެންވެ، ތިޔަ ގައުމު ނޭޓޯއަށް ވަނުމަށް އަޅުގަނޑުމެން 'އާނއެކޭ' ނުބުނާނަން"
ރަޖަބް ތައްޔިބް އުރުދުޣާން

ސްވިޑަންއާއި ފިންލެންޑަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް "އާނއެކޭ" ބުނަން ތުރުކީން ގެންދަނީ ދެކޮޅު ހަދަމުންނެވެ. ތުރުކީގެ ދެކޮޅުހެދުން ތަކާއެކު އެކަން ނުކުރެވި ވަނީ މަޑުޖެހިފައެވެ.

ސްވިޑަންއާއި، ފިންލެންޑަށް މެމްބަރުކަން ދިނުމަށް ތުރުކީއާއި ހަންގޭރީ ފިޔަވައި، ނޭޓޯގެ މެމްބަރުން އެހެން ހުރިހާ ގައުމަކުން ވަނީ އޯކޭ ދީފައެވެ. އެކަމަކު ނޭޓޯގެ މެމްބަރުކަން ގައުމަކަށް ލިބެނީ މިހާރު ތިބި މެމްބަރު ހުރިހާ ގައުމަކުން އިންތިފާގު ވުމުންނެވެ.

ތުރުކީގެ ދެކޮޅު ހެދުންތަކާ ގުޅިގެން ސްވިޑަންގެ ސްޓޮކްހޯމްގައި ތުރުކީއާ ދެކޮޅަށް ސިލްސިލާ ވަރުގަދަ މުޒާހަރާތަކެއް ފަށާފައި ވެއެވެ.

އެކްޓިވިސްޓުންތަކެއް، ކީރިތި ޤުރުއާނުގެ ކޮޕީތައް ވީދައި، އަންދާފައިވަނީ ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީގައެވެ. މުޒާހަރާކުރި މީހުންވަނީ، ތުރުކީގެ ރައީސްގެ ސިފައަށް ހަދާފައިވާ ބުދެއްވެސް "ދަންޖައްސާފަ" އެވެ.

މި މުޒާހަރާތަކާ ގުޅިގެން، ސްވިޑަންއާއި، ފިންލެންޑަށް ނޭޓޯގެ މެމްބަރުކަން ދިނުމާ ގުޅޭގޮތުން ބްރަސަލްސްގައި ބާއްވަން ތާވަލްކޮށްފައި އޮތް މަޝްވަރާ ބައްދަލުވުމެއްވެސް މިހާރުވަނީ ފަސްކޮށްފައެވެ.

ތުރުކީއާ ދެކޮޅަށް ސްވިޑަންގައި ކުރަމުންދާ މުޒާހަރާތަކާ، ސްވިޑަންގެ ސަރުކާރުގެ އޮފިޝަލުން ވަނީ ދުރުހެލިވެގެންފައެވެ. މުޒާހަރާތައް ކޮށް، ޤުރުއާނުގެ ކޮޕީތައް އެންދުމުގައި އިސްކޮށް ހުރީ، އިސްލާމްދީނާ ދެކޮޅު ދުރު-ކަނާތު ފިޔައިގެ ހަރުކަށި އެކްޓިވިސްޓެކެވެ. ސްޓިކްހޯމާއި، ޑެންމާކްގެ ވެރިރަށް ކޯޕަންހޭގަންގައިވެސް ޤުރުއާނުގެ ކޮޕީތައް އެންދުމުގައި އިސްކޮށް ހުރީ އޭނާއެވެ.

ސްވިޑަން ސަރުކާރުން ބުނަމުންދިޔައީ، މުޒާހަރާތަކަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ރައްކާތެރިކަން ލިބިގެންވާ މުޒާހަރާތަކެއް ކަމަށެވެ.

އެކަމަކު، ސްވިޑަންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަރސަން އިއްޔެވަނީ މުޒާހަރާ ރޭވި އެކްޓްވިސްޓުން ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސްވިޑަންގެ ސަލާމަތަށް ގެއްލުންދޭން ބޭރުގެ ބާރުތަކުން ފުރުސަތު ލިބެނީ އެކަހަލަ "ޔޫސްފުލް އިޑިއަޓްސް" ގެ ސަބަބުން ކަމަށެވެ.

ސްވިޑަންއާއި ފިންލެންޑަކީ ކުރިން އެއްވެސް އިއްތިހާދެއްގައި ބައިވެރިވާން ދެކޮޅު ހަދަމުންދިޔަ ދެ ގައުމެވެ.

ނަމަވެސް، ރަޝިޔާއިން ޔޫކްރެއިނަށް އެރުމާ ގުޅިގެން ސްވިޑަންއާއި ފިންލެންޑުންވެސް ވަނީ ނޭޓޯގެ މެމްބަރަށްވުމަށް ހުށަހަޅާފައެވެ. ނޭޓޯގެ މެމްބަރަށް ވެއްޖެނަމަ، އެ ގައުމެއް އަސްކަރީގޮތުން ދިފާއުކުރުމަކީ ނޭޓޯގެ ވާޖިބެކެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު މެވްލޫތު ޝަވްޝަގްލޫ އިއްޔެ ވިދާޅުވެފައިވަނީ، ފިންލެންޑްގެ މެމްބަރޝިޕް ގަބޫލުކުރުމާމެދު ތުރުކީއަށް ހުރީ ކުދި ކުދި މައްސަލަތައް ކަމަށެވެ. ތުރުކީގެ ރައީސްވެސް އިއްޔެވަނީ ފިންލެންޑްގެ މެމްބަރޝިޕް ގަބޫލުކޮށްފާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.