އާންމު ރައްޔިތުންގެ ގޭގެޔަށް ކަރަންޓު ކޭބަލް ވެއްދުމާއި، ފެން ގުޅުމާއި، އެކިކަންކަމުގައި ކޭބަލް އެޅުމަށް މަގުކޮނުމަކަށް އަގެއް ނުނަގާނެ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން މަގު ބަންދުކުރުމާއި މަގު ކޮނުމުގެ އަގުތައް ދެ ގުނައަށް ވުރެ ބޮޑުކުރުމާއި ގުޅިގެން، އެކަހަލަ އުސޫލުތައް ހެއްދެވުމުގައި ރައްޔިތުންނަށް މާލީ ބުރައެއް ތަހަންމަލް ކުރަންނުޖެހޭނެ ގޮތަށް އުސޫލެއް ހައްދަވާނަމަ، ރަނގަޅު ޕްރެކްޓިސްއާ އެއްގޮތަށް، ގާނޫނުގެ ތެރެއިން އެކަން ކުރުމަށް ސްޓޭޓް އިލެކްޓިރިކް ކޮންޕެނީގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާގުޅުގެން މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓްގައި ވަނީ، މަގުމަތީގައި ކުރާ މަސައްކަތްތަކުން އަގު ނެގުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ ކުންފުނިތަކުގެ ޢިމާރާތްތަކާއި ގުޅޭ މަސައްކަތް ތަކުން ކަމަށާއި، އާންމު ރައްޔިތުންގެ ގޭގެޔަށް ކަރަންޓު ކޭބަލް ވެއްދުމާއި، ފެން ގުޅުމާއި، އެކިކަންކަމުގައި ކޭބަލް ވެއްދުމަށް މަގުކޮނުމަކަށް އަގެއް ނުނަގާނެ ކަމަށެވެ.

ސްޓެލްކޯއަކީ މާލޭގެ ގެތަކަށް ކަރަންޓު އެޅުމަށް މަގު ކޮނުމާއި ބައެއް ހާލަތްތަކުގައި މަގު ބަންދުކޮށްގެން، މަސައްކަތް ކުރާ ކުންފުންޏެވެ. އެ މަސައްކަތްތައް އާންމު ތަންތަނުގައި ކުރާއިރު، ސިޓީ ކައުންސިލުން ހުއްދަ ހޯދަންޖެހެއެވެ. ނަމަވެސް ސިޓީ ކައުންސިލުން ވަނީ އެ ހުއްދަތަކުގެ އަގުތައް ދެގުނަކޮށްފައެވެ. އެގޮތަށް އަމަލު ކުރަން ފެށީ މިދިޔަ މަހުން ފެށިގެންނެވެ.

އެކަމާ ގުޅޭގޮތުން ސްޓެލްކޯގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީ ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލުން ކުރިން ނަގަމުން ގެންދިޔަގެންދިޔަ ފީތައް 154 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށެވެ. އެގޮތުން މަގު ބަންދުކުރުމަށް ބަހައްޓާ ބޯޑުގެ އަގު 150 ރުފިޔާ އިން 300 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށެވެ.

އަދި ޕޭވްމަންޓު ކޮނެގެން އެއްޗެއް ވަޅުލާނަމަ، ކޮންމެ ފޫޓަކަށް 25 ރުފިޔާ ނަގާ ކަމަށާއި އެއީ މީގެކުރިން އަގު ނަގާފައި ނުވާ ކަމެއް ކަމުގައި ޝަރީފު ފާހަގަކުރެއްވިއެވެ.

ޝަރީފު ވިދާޅުވީ، މިފަދަ ކަންކަމަަކީ ރައްޔިތުންނަށް މާލީ ބުރައެއް އުފުލަންޖެހޭ ކަމެއް ކަމަށާއި މިފަދަ އުސޫލެއް ހެދީ ކަމާބެހޭ ފަރާތްތަކުގެ އެއްވެސް މަޝްވަރާއެއް ވެސް ހޯދުމެއް ނެތި ކަމަށެވެ. އަދި ސިޓީ ކައުންސިލުން އެފަދަ ނިންމުމެއް ނިންމައި، ގެޒެޓް ކުރަންވާނީ ވެސް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެޖީއޭ)ގެ ލަފާގެ މަތިން ކަމަށާއި އެކަން ވެސް ސިޓީ ކައުންސިލުންކޮށްފައި ނުވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

މިމައްސަލާގައި ސްޓެލްކޯއިން ވަނީ މާލެ ސިޓީ ކައުންސިލް ގޮވައިގެން ކޯޓަށް ދާންވެސް ނިންމާފައެވެ.