ޓްރެވަލް ބުލެޓިން އިންޑިއަން އޯޝަން ޝޯކޭސް 2023ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި އޮފަރތައް ޕްރޮމޯޓްކޮށްފިއެވެ.

10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޔޫކޭގެ ޓްރެވަލް ބުލެޓިންއަކީ ޓްރެވަލް އެޖެންޓުންނަށް އަމާޒުކޮށް ފަތުރުވެރިކަމުގެ ޚަބަރުތަކާއި ތަމްރީނުތަކާއި ނެޓްވޯކިން އިވެންޓްތައް އިންތިޒާމްކޮށް، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް އަދި އެކްސްޕީރިއަންސް (މަންޒިލްތައް ހިމެނޭހެން) ޕްރޮމޯޓްކުރުމުގެ ފުރުސަތު ފަހިކޮށްދޭ ބައެކެވެ.

މިގޮތުން ޓްރެވަލް ބުލެޓިން އިންޑިއަން އޯޝަން ޝޯކޭސް 2023 ހަރަކާތަކީ ފަތުރުވެރިކަމުގެ ހިދުމަތްތައް ގަނެވިއްކާ ފަރާތްތަކުން އެއްތަނަކުން ބައްދަލުކޮށް، ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، ނެޓްވޯކް ކުރުމުގެ ފުރުސަތު ފޯރުކޮށްދޭ ހަރަކާތެކެވެ. މިހަރަކާތުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ އެމްއެމްޕީއާރުސީން ޔޫކޭއަށް ކަޑައަޅާފައި ހުންނަ ޕީއާރު އެޖެންސީންނެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހަރަކާތް ފެށުމުގެ ކުރިން އެމްއެމްޕީއާރުސީއިން ވަނީ މިތަނަށް ޒިޔާރަތްކުރި ފަރާތްތަކާއެކު 30 މިނެޓުގެ ބީ2ބީ ނެޓްވޯކިންގ ސެޝަންއެއް ކުރިއަށް ގެންގޮސްފައެވެ. އަދި އިވެންޓުގެ ތެރެއިން، އަށަކާއި ދިހައަކާ ދެމެދުގެ އަދަދަކަށް ކޮންމެ ގްރޫޕެއްގައި ޓްރެވެލް އެޖެންޓުން ހިމެނޭ ގޮތަށް، ފެއަރގައި ބައިވެރިވި ޓްރެވަލް އޭޖެންޓުން ގްރޫޕްތަކަށް ބަހާލާ، މަންޒިލްގެ ޕްރެޒެންޓޭޝަން އާއި އެންމެ ފަހުގެ މައުލޫމަތު ރައުންޑް ޓޭބަލް ސެޓިންނެއްގައި، ސްޕީޑް ނެޓްވޯކިން ސްޓައިލްގައި ވަނީ ފޯރުކޮށްދީފައެވެ.

މި ހަރަކާތުގެ ތެރެއިން ރޭގަނޑުގެ ޙާއްސަ ކެއުމެއްގެ އިތުރުން މި އިވެންޓްގެ ބައިވެރިންވަނީ ނަސީބުވެރި ފަރާތްތަކަކަށް ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި ގިފްޓް ހެމްޕަރތައް، އަދި ގިފްޓް ވައުޗަރތައްވެސް އިވެންޓަށް ޒިޔާރަތްކުރި ފަރާތްތަކަށް ހަދިޔާކޮށްފައެވެ.

މި އިވެންޓުގައި އެމްއެމްޕީއާރުސީއިން ބައިވެރިވުމުގެ ބޭނުމަކީ މި ސަރަޙައްދުގެ މަތީ ފެންވަރުގެ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާ ބައްދަލުކޮށް، ނެޓްވޯކްކޮށް، މާކެޓުގައި ރާއްޖޭގެ ބްރޭންޑްގެ މަޤުބޫލުކަން ދަމަހައްޓާ ހަރުދަނާކުރުމާއި ރާއްޖެގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ހިދުމަތްތައް، އަދި ތަފާތު ތަޖުރިބާތަކުގެ އެންމެ ފަހުގެ މައުލޫއްމާތު ހިއްސާކުރުމެވެ .

މިދިޔަ އަހަރު އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އެއް ޓޮޕް ސޯސް މާކެޓެވެ. މިގޮތުން 31 ޑިސެމްބަރު 2022ގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް 179،312 ފަތުރުވެރިން އައިސްފައިވާއިރު، މިއީ އަހަރުގެ މުޅި ޖުމްލަ އެރައިވަލްސްގެ 10.7 އިންސައްތަ މާކެޓް ހިއްސާއެވެ. އެމްއެމްޕީއާރުސީން ވަނީ މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް 2022 ވަނަ އަހަރު ހިންގާފައެވެ.

މިގޮތުން ޑަބްލިއުޓީއެމް ލަންޑަން 2022 ފަދަ ފެއަރތަކުގައި ބައިވެރިވުމާއި، އިނގިރޭސިވިލާތުގެ ލަންޑަން، މެންޗެސްޓާ އަދި ނިއުކާސަލްގައި ރޯޑްޝޯތަކެއް ވަނީ މިދިޔަ އަހަރު ބައްވާފައެވެ. އަދި ބްރިޓިޝް އެއަރވޭސްއާއެކު ޖޮންއިންޓް މާކެޓިންގ ކެމްޕޭނެއް ހިންގާ، ޓްރެވަލް އެޖެންޓުން، ޓުއަރ އޮޕަރޭޓަރުން އަދި މީޑިއާތަކާއެކު މާކެޓިންގ އަދި ބްރޭންޑް އެވެއަރނަސް ކެމްޕޭންތައް ހިންގުމުގެ އިތުރުން ފެމިލިއަރައިޒޭޝަން ދަތުރުތައް ވަނީ ހިންގާފައެވެ. މި މާކެޓަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަރަކާތްތަކެއް 2023 ވަނަ އަހަރު ކުރިއަށް ގެންދިއުމަށްވެސް ވަނީ ރާވާފައެވެ.

2022 ވަނަ އަހަރު އެމްއެމްޕީއާރުސީއިން ޖުމްލަ 178 ހަރަކާތް ހިންގާފައިވާއިރު، މީގެތެރޭގައި 90 މާކެޓިންގ ކެމްޕޭން، 44 ފެއަރގައި ބައިވެރިވުން، 06 ރޯޑްޝޯ ހޯސްޓުކުރުން، 10 ވަރޗުއަލް އިވެންޓް، 18 ފެމިލިއަރައިޒޭޝަން ދަތުރު، އަދި އެހެނިހެން 10 އިވެންޓެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން 2022 ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވި 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ ލަނޑުދަނޑި ވަނީ އަހަރު ނިމުމުގެ ދެ ހަފްތާ ކުރިން ހާސިލްކުރެވިފައެވެ.

މީގެ އިތުރުން ރާއްޖެއިން އިން 2022ވަނަ އަހަރު ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑު، 'ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން'ގެ ލަގަބު ކާމިޔާބުކޮށްފައެވެ. އަދި ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް 'ދުނިޔޭގެ ލީޑިން ޓޫރިސްޓް ބޯޑު' ގެ ލަގަބުވެސް އެމްއެމްޕީއާރުސީން ވަނީ ކާމިޔާބު ކޮށްފައެވެ.