މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ބޭރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު ގޮވާލައްވައިފިއެވެ.

ރީކޯ މޫސާ މިފަދައިން ގޮވާލައްވައި ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސަކަށް ނަޝީދު ހުރެގެން ޕާޓީގެ މެންބަރުންތަކެއްގެ ބޮލަށްއެރިގެން ކުރިންވެސްއޮތީ މުޅި ޢުމުރަށް މުސާރަ ލިބޭނެ މަޤާމެއް ހޯދާފައި ކަމަށެވެ.

އަދި މިހާރު ނަޝީދުގެ ބޭނުމަކީ މަޖިލީހުގެ ރައީސްކަމުން ބާލަފާނެތީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ގިނަ އެމްޑިޕީގެ މެމްބަރުން ތިއްބެވިކަން ދެއްކުންކަމަށް މޫސާ ވިދާޅުވިއެވެ

މިހެންކަމުން ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރުމަށް މޫސާވަނީ ގޮވާލައްވާފައެވެ.

އެމްޑީޕީން ބޭއްވި އެޕާޓީގެ ފޯރިގަދަ ރިޔާސީ ޕްރައިމަރީގެ ނަތިޖާއާއިއެކު ޕާޓީގެ އެތެރޭގައި ކުރިން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގައި ހުޅު ރޯވެ ފާޅުކަން ބޮޑު ގޮތެއްގައި ޕާޓީ ތެރޭގައި ހުރި މައްސަލަތައްވަނީ ތިލަވެފައެވެ. މި ޕްރައިމަރީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު ޕްރައިމަރީން ބަލިވެއްޖެނަމަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަހަތްޕުޅަށް ނާރާނެ ކަމަށެވެ.

އެހެންނަމަވެސް ޕްރައިމަރީގެ ނަތީޖާއާއި މެދު ނުރުހުން ފާޅުކޮށް އެމްޑީޕީ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަން އެކުގައި މަސައްކަތްކުރުމަށް ނަޝީދުވަނީ ޕާޓީގެ ޗެއަރޕާސަން ފައްޔާޒަށް ގޮވާލާފައެވެ. އަދި ޕްރައިމަރީން ބަލިވިޔަސް ޕާޓީ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށްވެސް ނަޝީދުވަނީ ވިދާޅުވެފައެވެ.

2014 ވަނަ އަހަރުގެ ތެރޭގައި އެމްޑީޕީއިން ވަކިކޮށްފައި ހުރުމަށްފަހު 2022 ވަނަ އަހަރު ޕާޓީއާއި އަލުން ގުޅި 8 އަހަރަށްފަހު މިފަހަރު ބޭއްވި ރިޔާސީ ޕްރައިމަރީގައި ރީކޯ ވަނީ ވޯޓު ލައްވާފައެވެ.

ނިމިދިޔަ އެމްޑީޕީގެ ތާރީޚީ ޕްރައިމަރީ ރައީސް ޞާލިޙް ކާމިޔާބު ކުރެއްވީ، ވޯޓުލީ މީހުންގެ 61.10 އިންސައްތަ ހޯއްދަވައިގެންނެވެ. އެއީ 24،566 ވޯޓެވެ.