އއ. މަތިވެރިން ގެއްލިގެން ހޯދަން ފެށި މީހާގެ ޚަބަރެއް އަދިވެސް ނުވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން ކަމަށް މަތިވެރި ކައުންސިލުން ބުނެފިއެވެ.
ވީނިއުސްއަށް މަޢުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލްގެ ރައީސް އަޙުމަދު އަސްލަމް ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ އެކަހެރި ދިރިއުޅުމެއް އުޅެމުންގެންދާ އެރަށު ރިވެލި، ޙަސަން ޢަލީ ނަމަކަށް ކިޔާ ޢުމުރުން 72 އަހަރުގެ މީހެއް ކަމަށެވެ.
އަދި އޭނާ އެންމެ ފަހުން ފެނުނު ގަޑި އެއްވެސް މީހަކަށް ސީދާ ޔަޤީންކޮށް ބުނަން ނޭނގޭތީ ގަޑިއާއިމެދު ޝައްކު އުފެދިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން ކައުސިލުން އޭނާ ގެއްލުނު ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާނީ ޖެނުއަރީމަހުގެ 31 ވަނަ ދުވަސް ކަމަށާއި އެދުވަހުގެ މަޣްރިބް ނަމާދަށްފަހު ގެއްލުނު ކަމަށް ބުނެ ކައުންސިލާ ހަވާލާދީ މީޑިއާތަކުން ކުރާ ރިޕޯޓުތައް ކައުންސިލުން ވަނީ ދޮގުކޮށްފައެވެ.
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދާއިރު ދިވެހި ސިފައިންނާއި ފުލުހުންވެސް މި މަސައްކަތުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ގެއްލުނު ޙަސަން ޢަލީއަކީ އަމިއްލަ މަސައްކަތް ކޮށްގެން ދިރިއުޅެމުން އަންނަ މީހެއް ކަމަށާއި އަތްތެރި މަސައްކަތުގެ އިތުރުން ދާއެޅުމުގައިވެސް އޭނާ ޙަރަކާތްތެރިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ ޑިފެންސް މިނިސްޓަރާއި ގުޅައިގެން ވައިގެމަގުންވެސް އޭނާ ހޯދުމުގައި އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.