އައްޑޫ ސިޓީގެ ރަށްތަކުން ދޫކުރަން އިއުލާންކުރި ގޯއްޗަށް އެދޭ ފޯމުގައި ހުރި ބައެއް މައްސަލަތަކަށް އިސްލާހު ގެނައުމަށް ފަހު، އައްޑޫގެ ތިން ރަށަކުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އިއުލާނާއި އެއްގޮތަށް ފޯމް ބަލައިގަންނަން މިއަދު ފަށައިފިއެވެ.
މިކަމާގުޅިގެން "ވީނިއުސް"އަށް މައުލޫމާތުދެމުން އައްޑޫ ސިޓީ ފޭދޫ އަވަށު އޮފީހުން ބުނީ، ގޯޗަށް އެދި ހުށަހަޅާ ފޯމުގައި މައްސަލަތަކެއް ހުރުމުގެ ސަބަބުން ފޯމަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ. އަދި ކުރިންވެސް ކަނޑައަޅާފައިވާ ގޮތަށް ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ އޮފީހުން ފޯމް ބަލައިގަންނަށް ފަށާފައިވާ ކަމަށެވެ.
އައްޑޫސިޓީން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު ބަލައިގަންނަން ފަށާފައިވަނީ ފޭދޫ، މީދޫ އަދި ހުޅުދޫއިން ކަމަށްވާއިރު، މި ތިން ރަށުން ފޯމު ބަލައިގަންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އައްޑޫ ސިޓީ ހިތަދޫއިންވެސް ބަންޑާރަ ގޯތި ދިނުމަށް އިއުލާންކޮށްފައިވާއިރު، އެ ރަށުން ގޯޗަށް އެދޭ ފޯމު ބަލައިގަންނަން ފަށާނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން މާޗް މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފައިވަނީ، އައްޑޫ ސިޓީ ފޭދޫއިން 1،500 އަކަފޫޓުގެ 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ތެރެއިން ކޮންމެ ރަށަކުން 2،000 އަކަފޫޓުގެ 100 ގޯތި ދޫކުރުމަށެވެ.
އަދި އައްޑޫސިޓީ ހިތަދޫ އިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓްގެ 500 ގޯއްޗެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ އަވަށު އޮފީހުންނެވެ.