ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން ވިލިމާލޭގައި ދެމުންގެންދާ އީ.ވީ ބަހުގެ ޚިދުމަތުން މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން އަގުނަގާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، (އެމްޓީސީސީ)އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މި ޙިދުމަތް ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބޭނެ ކަމަށާއި، މި ޙިދުމަތައް ކަނޑައަޅާފައިވާ އަގަކީ ފަސް ރުފިޔާ ކަމަށެވެ.
ވިލިމާލޭ ބަހުގެ ޚިދުމަތަށް ތިން ޒަރީޢާއަކުން ފައިސާދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އެއީ، އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔު.އާރް ޓިކެޓް ނަގައިގެންނާއި ކޮންޓެކްޓްލެސް މާސްޓަރކާޑް އަދި ވިސާ ޑެބިޓް ކާޑް ނުވަތަ ކްރެޑިޓް ކާޑް މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އަދި ބަހުން ކަރުދާސް ޓިކެޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކަރުދާސް ޓިކެޓް ބަލައިގަތުން ހަމަޖެހިފައިވަނީ ބަހުގެ ތެރެއިންނެވެ. ނަމަވެސް، ޓަރމިނަލްތަކުން ބަހުގެ ޙިދުމަތުގައި ބޭނުންކުރާ ކަރުދާސް ޓިކެޓް ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މީގެއިތުރުން، ބަސް ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމާއެކު، ހުރިހާ ފަރާތެއްވެސް ސީދާ ޓިކެޓުގެ އަގު ހަމަވާނެހެން ފައިސާ ގެންދިއުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.
ބަހުގައި ފައިސާ މާރުކުރެވެން ހަމަޖެހިފައިނުވާ މައިގަނޑު ސަބަބަކީ ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމަށާއި، ބަހުގެ ޝެޑިއުލަށް ބުރޫ އެރިޔަ ނުދިނުމަށް ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ކަރުދާސް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަޖައްސާފައިވުމުގެ މައިގަނޑު މަޤްޞަދަކީ ރަށްވެހީންނަށް މި ޚިދުމަތް ބޭނުންކުރުމުގައި ފަސޭހަކޮށްދިނުން ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
މީގެއިތުރުން، ދުނިޔޭގެ ކޮންމެ ބޭންކެއްގެވެސް މާސްޓަރކާރޑް އަދި ވިސާ ބްރޭންޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް އަތުގައި އޮވެއްޖެނަމަ އާރްޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތުގައިވެސް ކާޑުން ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.